ޚަބަރު

ސަރުކާރުގެ އިސް ތަރުޖަމާނުގެ މަޤާމަށް، މުޙައްމަދު ޙުސައިން ޝަރީފް


  • މަޤާމަށް އައްޔަނުކުރެއްވީ ވަޒީރުންގެ ފެންވަރުގައި

  • އެންމެފަހުން ހުންނެވީ ޔޫއޭއީއަށް ކަނޑައަޅާފައި ހުންނެވި ސަފީރުގެ މަޤާމުގައި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް ޢައްޔަންކުރައްވައިފިއެވެ.

މީގެ ކުރިން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ.

މީގެ އިތުރުން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން 2005 ން 2007އަށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަޤާމު 2007 ން 2008 އަށް ފުރުއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މުޙައްމަދު ޙުސައިން ޝަރީފް އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.