ސަރުކާރުގެ އިދާރީ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލާއެކު ދާޚިލީ ސަލާމަތާބެހޭ ވުޒާރާގެ ދަށަށް 9 އިދާރާއެއް ބަދަލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވުޒާރާތަކަށް ގެންނެވި ބަދަލާއެކު ކުރިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ މެންޑޭޓަށް ބަދަލުތަކެއް އައިސް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ނަމަށް ވަނީ ބަދަލުކުރައްވާފައެވެ. މިއާއެކު ކުރިން މަތީތަޢުލީމާ ގުޅުންހުރި ވުޒާރާގެ ބައެއް މަސައްކަތްތައް ދާޚިލީ ވުޒާރާގެ ދަށަށް ވަނީ ބަދަލުވެފައެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވަނީ ދާޚިލީ ވަޒީރަކަށް ކުރިންވެސް ހުންނެވި އިޙްސާން އަލީއެވެ.
މި ބަދަލުތަކާއެކު ދާޚިލީ ވުޒާރާގެ ދަށަށް 9 އިދާރާއެއްގެ މަސައްކަތްތައް މިހާރު ވަނީ ބަދަލުކުރެވިފައެވެ. އެއީ:
- މޯލްޑިވްސް އިމިގްރޭޝަން
- ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރު
- ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭ
- ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
- ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ
- ލޭބަރ ރިލޭޝަންސް އޮތޯރިޓީ
- ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
- މޯލްޑިވްސް ޑިޖިޓަލް ސަރވިސް
- ނޭޝަނަލް ކެރިއަރސް ސަރވިސް
މި އިދާރާތަކުގެ ތެރެއިން ނޭޝަލް ކެރިއަރސް ސަރވިސް އަކީ ދާޚިލީ ވުޒާރާގެ މެންޑޭޓަށް އައި ބަދަލުތަކާއެކު އެ ވުޒާރާގެ ދަށަށް ބަދަލުވި އިދާރާއެކެވެ. މީގެ ކުރިން މި އިދާރާ ހިންގަމުން އައީ މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާގެ ދަށުންނެވެ.