ޚަބަރު

ސަބްސިޑީއަށްކުރި ޚަރަދު 2.7 ބިލިޔަނަށް


  • މިއީ %8 އިތުރު އަދަދެއް

  • އާސަންދައަށް 436.7 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށް

މިއަހަރުގެ މިހާތަނަށް ގްރާންޓާއި ސަބްސިޑީގެ ގޮތުގައި 2.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަަރަދުކޮށްފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ އެޕްރީލް މަހުގެ 2ވަނަ ދުވަހާއި ހަމައަށް ދައުލަތުގެ ބަޖެޓުން ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެގޮތުގައި ޖުމްލަ 2.7 ބިލިޔަން ރުފިޔާ ޙަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 2.5 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 8 އިންސައްތައިގެ އިތުރުވުމެކެވެ.

މި މުއްދަތުގެ ތެރޭގައި ސަބްސިޑީއަށްކުރި ޚަރަދު އިތުރުވެފައިވީނަމަވެސް އާސަންދައަށްކުރި ޚަރަދު ވަނީ ދަށްވެފައެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އާސަންދަ ސްކީމްތަކަށް 436.7 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ބަޖެޓުން އާސަންދައިގެ ސްކީމްތަކަށް ޚަރަދުކޮށްފައިވަނީ 607.8 މިލިޔަން ރުފިޔާއެެވެ. އެހެންކަމުން މިއީ 28 އިންސައްތަ ދަށް އަދަދެކެވެ.

މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ 2.02 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުގައި މިހާރު ބާކީ އިނީ ގާތްގަނޑަކަށް 1.58 ބިލިޔަން ރުފިޔާއެވެ.

އާސަންދައަށް ކުރި ޚަރަދު ދަށްވެފައިވީނަމަވެސް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި ޚަރަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް 44 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްތަދުގައި މިކަމަށް ޚަރަދުކޮށްފައިވަނީ 81 މިލިޔަން ރުފިޔާއެވެ. ޢެހެންކަމުން މިއީ 45 އިންސައްތަ ދަށް އަދަދެކެވެ.

މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް ދޭ ގްރާންޓު ވަނީ އިތުރުވެފައެވެ. މާލީ ރިޕޯޓުން ދައްކައްގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި 536.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް634.8 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.