ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 6 އެވޯޑަކަށް ރާއްޖެއިން ވާދަކުރަނީ


  • ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

  • މިއީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ސަރަޙައްދުގެ ޝަރަފުވެރި 6 ދާއިރާއަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ. މި ދާއިރާތަކަށް ރާއްޖެ ހޮވުމަކީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ރާއްޖެއަށް ލިބިފައިވާ މަޤާމު އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ކުރިއެރުން ހާމަކޮށްދޭ ހެއްކެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

މި އެވޯޑުތަކަށް ވޯޓުލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް އިތުބާރު ދެމެހެއްޓުމަށް، ދުނިޔޭގެ ފެންވަރުގައި ލިބޭ މިފަދަ ކާމިޔާބީތައް މުހިންމު ރޯލެއް އަދާކުރާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

2026 ވަނަ އަހަރު ދިވެހިރާއްޖެ ނޮމިނޭޓްވެފައިވާ ދާއިރާތަކަކީ:

● އިންޑިއަން އޯޝަންސް ލީޑިންގް ޑެސްޓިނޭޝަން
● އިންޑިއަން އޯޝަންސް ލީޑިންގް ބީޗު ޑެސްޓިނޭޝަން
● އިންޑިއަން އޯޝަންސް ލީޑިންގް ޑައިވް ޑެސްޓިނޭޝަން
● އިންޑިއަން އޯޝަންސް ލީޑިންގް ގްރީން ޑެސްޓިނޭޝަން
● އިންޑިއަން އޯޝަންސް ލީޑިންގް ހަނީމޫން ޑެސްޓިނޭޝަން 2026
● އިންޑިއަން އޯޝަންސް ލީޑިންގް ޓޫރިސްޓް ބޯޑް 2026

1993 ވަނަ އަހަރު ތައާރަފު ކުރި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ، ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މިއީ، މި ސިނާޢަތުގެ އެންމެ މަތީ ފެންވަރު ރަމްޒުކޮށްދޭ އެވޯޑެކެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ފާއިތުވި އަހަރުތަކުގައި ރާއްޖެއިން ވަނީ، ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.