ޚަބަރު

އެކްސިޑެންޓެއްގައި އާސެނަލްގެ ކުރީގެ ކީޕަރު މަރުވެއްޖެ


  • މެނިންގާ އާސެނަލްއަށް ކުޅުނީ 1997-2002 އާ ދެމެދު

  • މެނިންގާ ދުއްވި ކާރު ގޮސް ޖެހުނީ ރޭލެއްގައި

އާސެނަލްގެ ކުރީގެ ކީޕަރު، އެލެކްސް މެނިންގާ ދުއްވަމުންދިޔަ ކާރު، ރޭލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އޭނާ މަރުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ އޮސްޓްރިއާގެ ސޯލްޒްބާގް ގައެވެ. އެ ސިޓީގެ ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 11:20 ހާއިރު، ސޯލްޒްބާގުގެ ލެވެލް ކްރޮސިން އެއްގައެވެ. ލެވެލް ކްރޮސިން އަކީ އާންމު އެއްގަމު އުޅަނދުތައް ދުއްވާ މަގާއި، ރޭލު ދަތުރުކުރާ ޓްރެކް ގުޅޭ ހިސާބުގައި އިންނަ ހުރަސްކުރާ ސަރަހައްދެއެވެ.

އާންމު އުސޫލެއްގެ ގޮތުން ރޭލު އަންނަ ވަގުތު، އެހެން އުޅަނދުތަކަށް އެ ކްރޮސިން ބަންދުވާނެއެވެ.

އެކްސިޑެންޓުވި ކާރުގައި އިނީ އެލެކްސް މެނިންގާ އެކަނިކަމަށާއި، އެކްސިޑެންޓަށް އެޓެންޑުވި އެހީތެރިން، "ޑެފިބްރިލޭޓަރ" ގެ އެހީގައި އޭނާގެ ވިންދު ގެނައުމަށް މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވީކަމަށް ފުލުހުން ބުނެއެވެ.

އުމުރުން 48 އަހަރުގައި، ކާރު އެކްސިޑެންޓެއްގައި މެނިންގާ މަރުވެފައިވާއިރު، ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި މީހުންގެ ސަމާލުކަން އޭނާއަށް ލިބުނީ 1997 ވަނަ އަހަރު، އިނގިރޭސިވިލާތުގެ އާސެނަލްއަށް ބަދަލުވި ހިސާބުންނެވެ. އެހެންނަމަވެސް މެނިންގާ އާސެނަލްގެ ޖާޒީގައި ފުރަތަމަ މެޗު ކުޅުނީ 1998 ވަނަ އަހަރުއެވެ.

1997 ވަނަ އަހަރާއި 2002 ވަނަ އަހަރާ ދެމެދު އާސެނަލްގެ ޖާޒީގައި މެނިންގާ ފެނިގެންދިޔައިރު އެ ޓީމަށް އޭނާ ވަނީ 64 މެޗު ކުޅެދީފައެވެ.

އާސެނަލްއާއެކު މެނިންގާ ވަނީ ޕްރިމިއަރ ލީގާއި އިނގިރޭސި އެފްއޭ ކަޕުވެސް ކާމިޔާބުކޮށްފައެވެ.

އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ވެސް 33 މެޗު އޭނާ ކުޅެދީފައިވާއިރު، 2008 ވަނަ އަހަރު ޔޫރޯ މުބާރާތުގައި ވާދަކުރި އޮސްޓްރިއާގެ ސްކޮޑުގައި ވެސް އޭނާ ހިމެނިފައިވެއެވެ.

އާސެނަލްއަށް ކުޅުނުފަހުން މެނިންގާ ވަނީ ސްޕެއިންގެ އެސްޕަންޔޯލް، އިޓަލީގެ ޓޮރީނޯ، ފިއޮރެންޓީނާ، ބޮލޯނިއާ އަދި ޔުވެންޓަސްއާއި އުދިނޭސީއަށް ކުޅެފައެވެ.

އަދި ލިވަޕޫލާއެކު ވެސް މެނިންގާ ކޮންޓްރެކްޓެއް ހެދި ނަމަވެސް، އެ ޓީމުގެ ޖާޒީގައި އޭނާ މެޗެއް ކުޅެފައެއް ނުވެއެވެ.

މެނިންގާ މަރުވުމާ ގުޅިގެން އޮސްޓްރިއާގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ސްޕޯޓިން ޑިރެކްޓަރު ވަނީ، މެނިންގާ އަކީ އޮސްޓްރިއާގެ ފުޓުބޯޅައިގެ އެމްބެސެޑަރެއް ކަމަށާއި އޭނާގެ ޚިދުމަތްތަކަކީ އަގުނުކުރެވޭނެ، ހަނދާނާއި ތާރީޚުން ފޮހެވިގެން ނުދާނެ ޚިދުމަތްތަކެއްކަމަށް ބުނެފައެވެ.