ޚަބަރު

ހިތަދޫ އުތުރު ދާއިރާ، 20ވަނަ މަޖިލީހުގެ ފުރަތަމަ ބައި-އިލެކްޝަން


  • ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

  • ސިޔާސީ ޕާޓީތަކުންވެސް ދަނީ ބައި-އިލެކްޝަންގެ ތައްޔާރީތައް ވަމުން

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ބާއްވާ ވާހަކަތަކަކީ އާންމު ވާހަކަތަކަކެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނެއް ބޭއްވުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ. މި މަހުގެ 12ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ހުކުމާއެކު 20ވަނަ މަޖިލީހުގެ ފުރަތަމަ ބައި-އިލެކްޝަން ބާއްވަން ޖެހި، އެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ 2024ވަނަ އަހަރު އެ ދާއިރާއަށް އިންތިޚާބުކުރި މުޙައްމަދު ސިނާންގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިޔަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ފައިސާ ނުދައްކާތީ އޭނާގެ ގޮނޑިއާމެދު ސުވާލުއުފެދޭ ކަމަށް ބުނެ އަމިއްލަ ފަރާތުން ހުށަހެޅި މައްސަލައިގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރެއްވީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއެކު ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ ހުޅުވާފައެވެ. މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 29ވާ ބުދަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓުން ދައްކާގޮތުގައި މި ބައި-އިލެކްޝަންގައި 4،114 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. އެ ކޮމިޝަނުން މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މަޖިލީހުގެ އާންމު އިންތިޚާބާއެއްގޮތަށް ބައި-އިލެކްޝަންތަކަކީވެސް ފޯރިގަދަ ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ފަރާތްތަކުންވެސް ޝައުގުވެރިކަން ފާޅުކޮށް، ވާދަވެރި މާހައުލެއް ގާއިމުވެފައި އޮންނަކަން ފާހަގަކުރެވެއެވެ. މި ބައި-އިލެކްޝަންގައިވެސް މިހާތަނަށް ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީން ކެންޑިޑޭޓުން ނެރޭނެކަން ވަނީ އިއުލާންކޮށްފައެވެ. އަދި ކުރިން އެ ދާއިރާގެ މެންބަރުކަން ކުރެއްވި ސިނާން ހިމެނޭހެން ބައެއް ފަރާތްތަކުން ވަނީ ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޕީއެންސީގެ ޓިކެޓުގައި މި ބައި-އިލެކްޝަންސްގައި ވާދަކުރަން ބޭނުންވާ މީހުންނަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ޕްރައިމަރީގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު އާދީއްތަ ދުވަހުގެ މެންދުރު 2:00އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އިލެކްޝްންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 6 ޖޫންގެ ހެނދުނު 8:00 އިން ހަވީރު 4:00އަށް ކަމަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ހޯމަ ދުވަހުއެވެ. މި އިންތިޚާބަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ލޯތައް ވަނީ ހުއްޓިފައެވެ.