ޚަބަރު

ކައިސޭޑޯ ޗެލްސީގެ ކޮންޓްރެކްޓް އައު ކޮށްފި


ޗެލްސީއަށް ކުޅެމުންދާ އެކުއެޑޯގެ މިޑްފީލްޑަރ މޮއިސެސް ކައިސޭޑޯ އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުން ހަތް އަހަރަށް އިތުރުކޮށްފި އެވެ.

އުމުރުން 24 އަހަރުގެ ކައިސޭޑޯ ވަނީ 2033 ވަނަ އަހަރާއި ހަމައަށް ޗެލްސީ ގައި މަޑު ކުރުމަށް އެއްބަސްވެ އައު އެގްރިމެންޓްގައި ސޮއިކޮށްފަ އެވެ.

2023 ވަނަ އަހަރު ބްރައިޓަން އިން އޭރު އިނގިރޭސި ރެކޯޑް ފީ އެއް ކަމުގައިވާ 100 މިލިއަން ޕައުންޑްގެ ފީއަކަށް ޗެލްސީ އާއި ގުޅުނު ފަހުން އޭނާ ވަނީ އެކްލަބުގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ. ކައިސޭޑޯ ވަނީ ޗެލްސީ އިން ޔޫއެފާ ކޮންފަރެންސް ލީގުގެ އިތުރުން ފީފާ ކްލަބް ވޯލްޑްކަޕް ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

"ޗެލްސީގައި ގިނަ ދުވަހު މަޑުކޮށް އެ ކްލަބުގެ ލެޖެންޑުންގެ ލިސްޓުން ފުރުސަތު ހޯދުމަކީ އަހަރެން ދެކެމުންދާ ހުވަފެނެއް. އެހެންކަމުން މި އެއްބަސްވުމާއިއެކު އެކަން ހާސިލުވުމުގެ ފުރުސަތު އޮތުމަކީ އަހަރެންނަށް ލިބިގެންދާ ބޮޑު އުފަލެއް." ކައިސޭޑޯ ބުންޏެވެ.

"މި ޓީމު އެއްކޮށް މަސައްކަތް ކުރަން ފެށިތާ އަދި މާގިނަ ދުވަހެއް ނުވޭ. އަހަރުމެން ބޭނުންވާ ކާމިޔާބީ ހޯދުމަކީ މި ޓީމަށް ކުރެވޭނެ ކަމެއް. އުންމީދަކީ މި ކްލަބާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދުން." ކައިސޭޑޯ އިތުރަށް ބުންޏެވެ.

ޗެލްސީ އާއިއެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ކައިސޭޑޯ ސޮއިކޮށްފައިވާއިރު އެ ކްލަބުގެ ކެޕްޓަން ރީސް ޖޭމްސް ވަނީ ދާދި ފަހުން ޗެލްސީ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ނިމިގެންދިޔަ ސީޒަނުގައި އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ކައިސޭޑޯ ވެފައިވަނީ ޗެލްސީގެ ހުރިހާ މެޗެއްގެ ފުރަތަމަ ޓީމުން ފުރުސަތު ލިބުނު ހަމައެކަނި ކުޅުންތެރިޔާ އަށެވެ.