ޚަބަރު

މިހާތަނަށް ވޯޓުލީ 1273 މީހުން


  • މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން %20.89

  • އިންތިޚާބުގައި 6093 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވޭ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުމުގައި ހެނދުނު 10:00 ޖެހުމާހަމައަށް 1273 މީހަކު ވޯޓު ލައިފިއެވެ. މިއަދު ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00އިން ހަވީރު 4:00 ޖެހުމާހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަދު ހެނދުނު 10:00 ޖެހުމާހަމައަށް 1273 މީހަކު ވޯޓުލާފައިވާކަމަށެވެ. އެއީ މި އިންތިޚާބަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން %20.89 އެވެ. މީގެ ތެރޭގައި ހިމެނެނީ 543 އަންހެނުންނާއި 730 ފިރިހެނުންނެވެ. މި އިންތިޚާބުގައި 6093 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު އޭގެ ތެރޭގައި 2901 އަންހެނުންނާއި 3192 ފިރިހެނުން ހިމެނެއެވެ.

އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން 5 ދާއިރާއެއްގައި ކުރިއަށްދާނެއެވެ. އިތުރު ބުރުގެ ވޯޓުލުން ކުރިއަށްދާނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ.

‎އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އިތުރު ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ.ނޭކުރެންދޫ އަދި ލ.މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

‎އިންތިޚާބުގެ އިތުރު ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކާއި މާލޭގައެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ވަނީ ބަހައްޓާފައެވެ.

‎މި ދާއިރާތަކަށް މާލޭގައި 6 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެ ތެރޭގައި ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަކޮށްފައިވާ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި ބަހައްޓާފައިވާއިރު ނޭކުރެންދޫ އާއި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓުފޮށި ދަރުމަވަންތަ ސްކޫލުގައި ވަނީ ބަހައްޓާފައެވެ.