ޚަބަރު

"ދަތިކަމެއް ނެތް، ތެލުގެ ކަންކަން އަންނަނީ ރަނގަޅަށް މަނޭޖުކުރަމުން"


  • މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައެއް ނުވޭ

  • މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުތައް ފޮނުވާނެ

މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މިފަދަ އުނދަގޫ ހާލަތެއްގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިންނަށް މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުމަށް ކަމަށެވެ.

ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، އެ ބުރަ މަސްވެރިންނަށް ނުޖައްސާ ސަރުކާރުން ދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުންނެވެ. އަދި މިކަމަކީ މަސްވެރިންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށްވެސް އެންވެރިކަން ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. މީގެ ސަބަބުން މަސްވެރިކަންވެސް އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އެހެންކަމުން، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ސަރުކާރުން މިހާރުވެސް ދަނީ މަސްވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. ވަޒީރު ވިދާޅުވީ، މަސްވެރި ސިނައަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މަސްވެރިންގެ ކަންކަން މިހާލަތުގައިވެސް ގާތުންބަލާ މަސްވެރިންނަށް އެންމެ ރަނގަޅު ގޮތްތަކަށް ހޯދުމަށް މަސައްކަތް ކޮށްދެމުންދާ ކަމަށްވެސް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ވިދާޅުވިއެވެ.

ސަރުކާރުން މަސްވެރިންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ “ފަހި ހަކަތަ” ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް ސަރުކާރުން މީގެ ކުރިން ވަނީ ނިންމާފައެވެ.

މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ބަލާއިރު މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. މީގެ އިތުރުން، ކުރިއެކޭވެސް އެއްގޮތަށް ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުން ދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ.