ޚަބަރު

އިތުރު ބުރުގެ ވޯޓުގައި 5 ގޮނޑީގެ ތެރެއިން 3 ގޮނޑި ޕީއެންސީއަށް


  • ޕީއެންސީން ކާމިޔާބުކޮށްފައިވަނީ ހއ.ކެލާ ހދ.ނޭކުރެންދޫ އަދި ލ.މާވަށުގެ ގޮނޑިތައް

  • ދަނޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑި ކާމިޔާބުކުރީ ޝީޒާ އިބްރާހީމް

  • ދޮންފަނު ކައުންސިލުގެ ގޮނޑި ކާމިޔާބުކުރީ އައިމިނަތު ރަފާޙް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުބުރުގައި، ވެރިކަންކުރާ ޕީއެންސީން 3 ގޮނޑި ކާމިޔާބުކޮށްފިއެވެ.

މި ބުރުގެ ނަތީޖާ ދައްކާގޮތުން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރު ބުރުގެ 5 ގޮނޑީގެ ތެރެއިން 3 ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.

ޕީއެންސީން ކާމިޔާބުކުރީ ހއ.ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމާއި، ހދ.ނޭކުރެންދޫ އަދި ލ. މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑިއެވެ.

ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ހޮވިފައިވަނީ، ހައްވާ ފަޒްނާއެވެ. ނޭކުރެންދޫ އ.ތ.މ ކޮމިޓީގެ މެމްބަރުކަމުގެ މަޤާމަށް ހޮވިފައިވަނީ ފާތިމަތު ރިއުޒާއެވެ. އަދި މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް ހޮވިފައިވަނީ ފާތިމަތު ޝާފިޔާއެވެ.

މީގެއިތުރުން، މިބުރުގައި ފުވައްމުލައް ސިޓީ ދަނޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް އިންތިޚާބުވީ އަމިއްލަގޮތުން ވާދަކުރި ޝީޒާ އިބްރާހީމެވެ. ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް އިންތީޚާބުވީ، އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ރަފާޙްއެވެ.

މިއަދު ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން %72 މީހުންވަނީ ވޯޓުލާފައެވެ. މިއީ އެހެން ބައި އިލެކްޝަންތަކާ އަޅާބަލާއިރު ތަރުހީބު ބޮޑު އިންސައްތައެއްކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ.

އަދި ވޯޓު ފޮށިތައް ބަންދުކުރުމާހަމައަށް އިލެކްޝަންސްކޮމިޝަނަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.