ޚަބަރު

މެސީގެ ލަނޑުން އިންޓަރ މަޔާމީ މޮޅުވެއްޖެ


އެމެރިކާގެ މޭޖަރ ލީގުގައި ރޭ ކޮލޮރާޑޯ ރެޕިޑްސް އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން އިންޓަރ މަޔާމީ ކާމިޔާބުކޮށްފި އެވެ.

ރަށުން ބޭރުގައި އިންޓަރ މަޔާމީ ކުޅުނު މި މެޗުގެ 17 ވަނަ މިނިޓުގައި އިންޓަރ މަޔާމީ އިން ކުރި ހޯދާފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގެ ކުޅުމުގައި އިންޓާރ މަޔާމީގެ ޖެމާން ބާރޓެރާމީ ކާމިޔާބުކޮށްދިން ލަނޑާއެކު ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ވަނީ ބޮޑުވެފަ އެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި ކޮލޮރާޑޯގެ ރަފައެލް ނަވާރޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ކޮލޮރާޑޯގެ ޑަރެން ޔަޕީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން އިންޓަރ މަޔާމީ މޮޅުވެ ތިން ޕޮއިންޓް ކަށަވަރުވެފައިވަނީ މެޗުގެ 79 ވަނަ މިނިޓުގައި ރޮޑްރިގޯ ޑިޕޯލް ދިން ޕާހަކުން ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މޭޖަރ ލީގުގައި އިންޓަރ މަޔާމީ އިން މި ސީޒަނުގައި އަށް މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވާ 15 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ. އެއްވަނައި އޮތް ވެންކޫވާރ އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.