ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ހަތަރުވަނަ ފަހަރަށް ރެއާލް ސޮސިއެޑާޑް އިން ހޯދައިފި އެވެ.
ސޮސިއެޑާޑް އިން މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ރޭ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވައިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން މެޗުން މޮޅުވެގެންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ މިނިޓުގައި ރެއާލް ސޮސިއެޑާޑް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑަކީ އެންޑަރ ބެރެނެޓްޝިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ މި މުބާރާތުގެ ތާރީޚުގައިވެސް ފައިނަލުގައި އެންމެ އަވަހަށް ޖެހި ލަނޑެވެ.
މެޗުގެ ފުރަތަމަ މިނިޓުގައި ބައިކޮޅަށް ލަނޑެއް ވަން ނަމަވެސް އޭގެ 17 މިނިޓު ފަހުން އަޑެމޯލާ ލުކްމަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ސޮސިއޭޑާޑް އިން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގެ ކުޅުމުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މިކޭލް އޮޔަރްޒަބާލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޑިއެގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އެތްލެޓިކޯ މެޑްރިޑް އިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ހޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުމުގައިވެސް ނަތީޖާއަށް ބަދަލު އައިސްފައިނުވާތީ ނަތީޖާ ނެރެފައިވަނީ ޕެނަލްޓި ޖަހައިގެންނެވެ.
ރެއާލް ސޮސިއޭޑާޑްގެ ގޯލުކީޕަރު އުނެއި މަރޭރޯ ވަނީ މި މެޗުގައި ދެ ޕެނަލްޓީ މަތަކޮށް 2020 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ ޓީމަށް މުބާރާތެއް ކާމިޔާބުކޮށްދީފަ އެވެ.