ޚަބަރު

"ގޮނޑި ނުގެއްލޭގޮތަށް ވަގުތީ އަމުރެއް ނެރެދެވޭކަށް ނެތް"


  • އެފަދަ އަމުރެއް ނެރެފިނަމަ މައްސަލައިގެ މައުޟޫޢަށް ސީދާ އަސަރުކުރާނެ

  • މިމައްސަލައިގެ އަޑުއެހުންތައް ސުޕްރީމްކޯޓުން ވަނީ ނިންމާލާފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެމްބަރަކު ޕާޓީއަކާއި ގުޅިއްޖެ ހާލަތެއްގައި ގޮނޑި ގެއްލޭފަދަ ފިޔަވަޅެއް ނޭޅޭ ގޮތަށް ދައުލަތުގެ މައްޗަށް އަމުރު ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސައިންއެވެ.

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ވަނީ ނިންމާލާފައެވެ. މައްސަލާގެ ހުކުމް ކުރަންދެން، މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެފަދަ ފިޔަވަޅެއް ނޭޅުމުގެ ވަގުތީ އަމުރަކަށް މައްސަލަ ހުށަހެޅި ޢަލީ ޙުސައިން ވަނީ އެދިފައެވެ. އަދި މައްސަލަ ބައްލަވާ ފަނޑިޔާރުންނާއި މެދު ފިޔަވަޅު ނޭޅުމުގެ އަމުރަކަށްވެސް އެދިފައިވެއެވެ.

ވަގުތީ އަމުރު ނެރުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ވަނީ، ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނާޅަން އަމުރު ނެރެފިނަމަ އެއީ މައްސަލާގެ މައުޟޫއުއަށް އަސަރު ކުރާނެ ކަމެއް ކަމަށްވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ފަނޑިޔާރުންނާ މެދު ފިޔަވަޅު ނާޅަން ނެރެދޭން އެދުނު އަމުރާ ގުޅިގެން ނިންމި ނިންމުމުގައި ވަނީ، އެފަދަ އަމުރެއް ނެރުމަކީ ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި ފަނޑިޔާރުން އަމިއްލައަށް ގޮތެއް ނިންމުން މަނާކުރާ އުސޫލާ ޚިލާފު ކަމެއް ކަމަށްވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުންނެވެ.