ޚަބަރު

ބޮޑު ތަފާތަކުން ޓީނޭޖް ބަލިކޮށް މަހިބަދޫ އެއްވަނައަށް


  • މެޗުން މަހިބަދޫ މޮޅުވީ 1-7 އިން

  • ފުރަތަމަ ހާފުގައި އެކަނިވެސް މަހިބަދޫއިން ހަތަރު ލަނޑު ޖެހި

މާލޭ ރީޖަންގެ ދެވަނަ ޑިވިޝަން ލީގުގައި ގްރޫޕް 2 ގައި ކްލަބް ޓީނޭޖްގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު، މަހިބަދޫ ސްޕޯޓްސް ކުލަބުން އެ ގުރޫޕުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން މަހިބަދޫ މޮޅުވީ 1-7 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ، ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދީ މަހިބަދޫއިންނެވެ. މެޗުގައި މަހިބަދޫ ޓީމުގެ ތަފާތަކަށްވީ އެ ޓީމުގެ ބިދޭސީ ދެ ފޯވާޑުންނެވެ.

މެޗުގައި މަހިބަދޫ މޮޅުވުމުގައި އެންމެބޮޑު ހިއްސާއެއް އަދާކުރީ ޖޭކޮބްއާއި އުޗެންޑޫ އޮސްކާއެވެ.

ފުރަތަމަ ހާފުގައި އެކަނިވެސް މަހިބަދޫއިން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް ނަސީރާއި އަލީ އަޔާޒްގެ އިތުރުން ޕެނަލްޓީގައި ލަނޑުޖެހި ޖޭކޮބް އާއި އޮސްކާއެވެ.

ދެވަނަ ހާފު ފަށައިގެން ވެސް މޮޅަށް ކުޅުނީ މަހިބަދޫއިންނެވެ. މި ހާފުގައި ވެސް އެ ޓީމުން ތިން ލަނޑު ޖެހިއިރު މި ލަނޑުތައް ކާމިޔާބުކޮށްދިނީ އޮސްކާގެ އިތުރުން ފަހުމާނާއި އަރްޙަމްއެވެ.

މެޗުގައި ޓީނޭޖުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު މާއިން މުޙައްމަދެވެ.

މި މޮޅާއެކު މަހިބަދޫއިން ތާވަލުގެ އެއްވަނައިގައި އޮތީ އެއް މެޗުން ހޯދި ތިން ޕޮއިންޓާއި، ފައިދާ ހަ ގޯލާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތީ ފައިދާ ދެ ގޯލާއެކު އޮތް ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ. ފުލުގައި ޓީނޭޖް އޮތީ ބައިކޮޅަށް ވަދެފައިވާ 7 ލަނޑާއެކު، ގެއްލުން ހަ ގޯލާއެކުއެވެ.

މި ގުރޫޕުގައި ދެން މެޗެއް ކުޅޭނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރުގެ މެޗުގައި ބައްދަލުކުރާނީ ޓެންޓް ސްޕޯޓްސް ކުލަބާއި ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ.