ޚަބަރު

134ވަނަ ސިފައިންގެ ދުވަހުގެ ޙަރަކާތްތައް މާދަމާ ފަށަނީ


  • ދިދަނެގުމާ ޝިއާރު އިޢުލާން ކުރުން މާދަމާ އޮންނާނެ

  • ހިނގާލުމާއި ޚާއްޞަ ޙަރަކާތްތައް އޮންނާނީ މެއި 2ގައި

ދިވެހި ސިފައިންގެ ޚިދުމަތަށް 134 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޑީއެފްގެ އެޑުޖަންޓް ޖެނެރަލް، އަދި ބްރިގޭޑިއާ ޖެނެރަލް ޙުސައިން ޢަލީ ވިދާޅުވީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މި ދުވަސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00 ގައި ކަޅުތުއްކަލާ ކޮށީގައި ބާއްވާ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތުން ކަމަށެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގައި މިއަހަރުގެ ސިފައިންގެ ދުވަހަށް ޚާއްސަ ޝިއާރުވެސް އިޢުލާން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އާންމުން އެންމެ ބޮޑަށް އިންތިޒާރު ކުރާ ހިނގާލުން ނުވަތަ މިލިޓަރީ ޕެރޭޑް ބޭއްވުމަށް ހަމަޖެހިފައިވަނީ، މެއި މަހުގެ 2 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައެވެ. މި ހިނގާލުމުގައި އަސްކަރިއްޔާގެ ތިން ބާރު ކަމަށްވާ ކަނޑާއި، އެއްގަމާއި، ވައިގެ ބާރުގެ ފައުޖުތައް ފެނިގެންދާނެ ކަމަށް ކޮމާންޑަރ ބްރިގޭޑިއާ ޖެނެރަލް ޙުސައިން ޢަލީ ވިދާޅުވިއެވެ.

"މި ހިނގާލުމުގައި އެމްއެންޑީއެފުން ބޭނުންކުރާ ހަތިޔާރާއި، އާލާތްތަކުގެ އިތުރުން އެއްގަމު އަސްކަރީ އުޅަނދުފަހަރު ދައްކާލެވޭނެ. އަދި ގިނަ އަދަދެއްގެ ސިފައިން މި ހަރަކާތުގައި ބައިވެރިވާނެ." ބްރިގޭޑިއާ ޖެނެރަލް ޙުސައިން ޢަލީ ވިދާޅުވިއެވެ.

ސިފައިންގެ ދުވަހުގެ ހިނގާލުން ފެށިގެންދާނީ، ޖުމްހޫރީ މައިދާނުން ކަމަށާއި އެހަރަކާތުގެ ތެރޭގައި ކޯސްޓްގާޑުގެ އުޅަނދުތައް އިއްޒުއްދީން ފާލަމާ ދިމާލުން ކަނޑުމަތީގައި ހަރަކާތްތެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ހިނގާލުން ނިމޭނީ ކަޅުތުއްކަލާ ކޮށްޓާއި ހަމައިން ކަމަށާއި، މިއީ ވަރަށް ޝައުޤުވެރި ހަރަކާތްތަކަކަށް ވެގެންދާނެ ކަމަށް ކޮމާންޑަރ ޙުސެއިން ޢަލީ ވިދާޅުވިއެވެ. މީގެއިތުރުން މި ދުވަހާ ގުޅިގެން އިތުރު ކަންތައްތަކެއްވެސް ރޭވިފައިވާ ކަމަށާއި، މިހަރަކާތްތަކާ ގުޅޭ މައުލޫމާތުތައް ހާމަކުރަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.