މެދުއިރުމަތީގެ ހަނގުރާމައާއެކު އެ ސަރަޙައްދުގެ ވައިގެ ބަނދަރުތަކަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން ދަތުރުވެރިން އެ ސަރަޙައްދު ދޫކޮށް އޭޝިޔާގެ މަގުތައް އިޚުތިޔާރުކުރަން ފެށުމާއެކު، އޭޝިޔާގެ ބޮޑެތި އެއާލައިންތަކުން ވިލާތުގެ މަންޒިލުތަކަށް ކުރާ ދަތުރުތަކަށް އޮތް ޑިމާންޑު އެތައް ގުނައަކުން އިތުރުވެއްޖެއެވެ. ޞަޔްހޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން އުފެދިފައިވާ މި ބަދަލަކީ، ހަނގުރާމަ ނިމުމަކަށް އައި ނަމަވެސް، ދިގު މުއްދަތަކަށް ދެމިގެންދާނެ ބަދަލެއް ކަމުގައި މާހިރުން ލަފާކުރެއެވެ.
ސިންގަޕޯރ އެއާލައިންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މާރިޗު މަހު އެ އެއާލައިނުން ވިލާތުގެ ޤައުމުތަކަށް ކުރި ދަތުރުތައް ވަނީ %93.5 އަށް އުފުލިފައެވެ. މިއީ، އޭގެ ކުރީ އަހަރުގެ %79.7 އާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ކެތޭ ޕެސިފިކް، ކޮރެއަން އެއަރ، އަދި ކޮންޓަސް ފަދަ އެއާލައިންތަކުން ވެސް ވަނީ ވިލާތުގެ ރޫޓުތަކުން ރެކޯޑު މިންވަރަކަށް އާމްދަނީ ލިބެމުންދާކަން ހާމަކޮށްފައެވެ. މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ކޮރެއަން އެއަރގެ އާމްދަނީ %47.3 އިތުރުވެ 349.38 މިލިޔަން އެމެރިކާ ޑޮލަރަށް ވަނީ އުފުލިފައެވެ.
މި ބަދަލު އަންނަން މެދުވެރިވި މައިގަނޑު ސަބަބަކީ، އެމިރެޓްސް، ޤަޠަރު އެއާވޭޒް، އަދި އިއްތިޙާދު ފަދަ ހުޅަނގު އޭޝިޔާގެ އެއާލައިންތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެވެ. ޚާއްޞަކޮށް އެ ސަރަޙައްދުގެ ވައިގެ ބަނދަރުތައް ބޭނުންކުރުން ހުއްޓައިލުމަށް އޮސްޓްރޭލިޔާ ފަދަ ޤައުމުތަކުން ރައްޔިތުންނަށް އަންގާފައިވުމާއި، އިންޝުއަރެންސްގެ ރައްކާތެރިކަން ކުޑަވުމަކީ ދަތުރުވެރިން އޭޝިޔާގެ ވައިގެ ބަނދަރުތަކަށް މިސްރާބު ބަދަލުކުރި ސަބަބެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސިންގަޕޫރު، ހޮންގް ކޮންގް، ސޯލް، އަދި ޓޯކިޔޯ ފަދަ ރަށްތައް ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ އައު މައި މަރުކަޒުތަކުގެ ގޮތުގައި ކުރިއަރަމުން އަންނަކަން މާހިރުން ފާހަގަކުރެއެވެ.
ކްވޮންޓަސް އިން މިހާރު ވަނީ އެމެރިކާގެ ރޫޓުތަކުން އުދުހުންތައް މަދުކޮށް، ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސް އަދި އިޓަލީވިލާތުގެ ވެރިރަށް ރޯމަށް ކުރާ ދަތުރުތައް އިތުރުކޮށްފައެވެ. އެއަރސަރވިސަސް އޮސްޓްރޭލިޔާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާރިޗު މަހު ހުޅަނގު އޭޝިޔާގެ މަގުތަކުން ކުރި ދަތުރުތައް ވަނީ އަހަރުން އަހަރަށް ބަލާއިރު %77 ދަށަށް ގޮސްފައެވެ. ހުޅަނގު އޭޝިޔާ ނޫން މަގުތަކުން ދަތުރުކުރުމަށް ދަތުރުވެރިން އިތުރު އަގެއް ދަންކަންޖެހުނު ނަމަވެސް، މި ބަދަލު ކުރިއަށް އޮތް 12 މަސްދުވަހަށް ދެމިގެންދާނެ ކަމުގައި ވައިގެ އުދުހުންތަކުގެ ދާއިރާގެ މާހިރުން އަންދާޒާ ކުރެއެވެ.