6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ފިރިހެން ބީޗް ހޭންޑްބޯޅަ ޓީމުން ތައިލޭންޑްގައި ކުރި ކޭމްޕުގައި ތައިލޭންޑްގެ ޤައުމީ ޓީމުގެ ކޯޗު ރާއްޖޭގެ ކުޅުންތެރިން މުބާރާތަށް ތައްޔާރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އޭޕްރީލް 21-31 އަށް ޗައިނާގައި ބާއްވާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ތައިލޭންޑްގައި ރާއްޖޭގެ ޓީމު ހޭދަކުރި 10 ދުވަހުގެ ޓްރޭނިންއަށްފަހު ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ ވިދާޅުވީ ތައިލޭންޑްގެ ޤައުމީ ކޯޗުގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމެއްކަމަށެވެ.
ރާއްޖެ ޓީމުން ވަނީ ތައިލޭންޑްގެ ޤައުމީ ޓީމާއެކު މެޗެއް ކުޅެފައެވެ. މި މެޗުގެ އިތުރުން ރާއްޖޭގެ ޓީމު އިތުރު ތަމްރީނު ހޯދުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ތައިލޭންޑްގެ ކޯޗު ވަނީ ކުޅުންތެރިންނަށް މުހިންމު އިރުޝާދުތަކެއްދީ ގިނަ ކަންކަން ހިއްސާކޮށްފައެވެ.
މުޖުތަބާ ވިދާޅުވީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރަން ޖެހޭ ޓީމުތަކުގެ ތެރޭގައި ވޯލްޑްކަޕަށް ކޮލިފައިވެފައިވާ ތިން ޓީމެއް ހިމެނޭ ކަމަށާއި، އެހެންނަމަވެސް އުންމީދަކީ އެ ޓީމުތަކާއި ވާދަކުރެވޭ ފެންވަރުގެ ރަނގަޅު މެޗުތަކެއް ކުޅުން ކަމަށެވެ.
އެ އުންމީދުގައި ޓީމުން ރަނގަޅު ޕްރެކްޓިސްތަކެއް ކޮށްފައިވާ ކަމަށާއި، އިރާދުކުރެއްވިއްޔާ ދުވަހަކަށްވުރެ ދުވަހެއް ޓީމު މިދަނީ ރަނގަޅުވަމުން ކަމަށްވެސް މުޖުތަބާ ފާހަގަ ކުރެއްވިއެވެ.
މުޖުތަބާ ވިދާޅުވީ، ޗައިނާއަށް މި ޓީމު މިދަނީ ވަރަށް ބައިވަރު މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. އެހެންކަމުން މި މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށެވެ.
"ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި މި ހިސާބަށް މިއާދެވުނީ. މިކަމަށްޓަކައި ފުރަތަމަވެސް ރައީސުލްޖުމްހޫރިއްޔާ އާއި ކުޅިވަރު ވަޒީރަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ މި ކުޅިވަރު ކުރިއެރުވުމަށްޓަކަށް ދެއްވާ ވަރަށް ބޮޑު އެއްބާރުލުމެއް. ހަމަ އެއާއެކު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ދޭ އެހީތެރިކަމަށްވެސް ޝުކުރު އަދާކުރަން" މުޖުތަބާ ވިދާޅުވިއެވެ.
މިއީ ބައިނަލްއަގްވާމީ ގޭމްސްއެއްގައި ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. ތައިލޭންޑްގެ ކޭމްޕަށްފަހު ރާއްޖޭ ޓީމު މިހާރުވަނީ މުބާރާތް ބާއްވާ ސަންޔާގައެވެ.
ރާއްޖެ ހިމެނެނީ ގުރޫޕް ބީގައެވެ. މި ގުރޫޕްގައި ދެން ހިމެނެނީ އޮމާން، ޕާކިސްތާން، ބަންގްލަދޭޝް، ތައިލޭންޑް، ޤަތަރު އަދި މޮންގޯލިއާއެވެ. ގުރޫޕް އޭގައި ހިމެނެނީ ހޯސްޓު ޗައިނާ، އިރާން، އިންޑިއާ، ބަހްރެއިން، ހޮންގްކޮންގ، ވިއެޓްނާމް އަދި ފިލިޕީންސްއެވެ.