ވަކި މަޤްޞަދެއް ހާސިލްކުރަން ލިޔާ ޙަޤީޤަތާ ޚިލާފު ލިޔުންތަކުގެ ޙަޤީޤަތް ސާފުކޮށް، ހާމަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވި ޖަވާބަކާ ގުޅިގެން މައުލޫމާތު އޮޅޭގޮތަށް ލިޔެފައިވާ ޚަބަރަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.
އެ ބަޔާނުގައި ތަރުޖަމާނު ވިދާޅުވީ 'އަދަދު' ނޫހުގައި "ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި" ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރަކީ، ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، އެހެން މީޑިއާއަކުން ކުރި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބަށް ޙަވާލާދީ، ލިޔެފައިވާ ޚަބަރަކަށް ވިނަމަވެސް އެޚަބަރުގައި ރައީސުލްޖުމްހޫރިއްޔާއާ ޙަވާލާދީ، ހިމަނާފައިވާ ވާހަކަތަކަކީ އެމަނިކުފާނު ދެއްވި ޖަވާބުގެ ދޭހަވީ މާނަ އޮޅުވާލައިގެން ލިޔެފައިވާ ޚަބަރެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނުު ދެއްކެވި ވާހަކަފުޅުގެ ރޫހާއި މަޤްސަދާ މުޅިން ޚިލާފު މާނައެއް އުފަންކޮށްގެން ލިޔެފައިވާ ޚަބަރެއް ކަމަށްވެސް ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ ވަކި މަޤްޞަދެއް ޙާސިލުކުރުމަށް ލިޔެވޭ އަން-އެތިކަލް އަދި އަން-ޕްރޮފެޝަނަލް ލިޔުންތަކާ ގުޅިގެން، ކަމުގެ ޙަޤީޤަތް ސާފުކޮށް، ހާމަކުރައްވަމުންދާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކެމްޕެއިންތަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތުން ވަޒީފާ ދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ. އެއީ ރައްޔިތުންވެސް ބޭނުންވާ ގޮތް ކަމަށާއި އެހެންކަމުން ވަޒީފާތައް ދިނުމުގައި މީހާގެ ތައުލީމާއި ތަޖުރިބާއަށް ރިއާޔަތްކޮށްގެން ނޫންގޮތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވުޒާރާތަކުން ވަޒީފާ ނުދެވޭނެގޮތަށް ސަރުކާރުން އަމަލުކުރައްވަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.