މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ސާފު ފައިދާގެގޮތުގައި 631 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެބޭންކުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް ލިބުނު 497 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 26.9 އިންސައްތަ އިތުރު އަދަދެކެވެ.
ބީއެމްއެލުން ވިދާޅުވީ، މިއަހަރުގެ ފުރަަތަމަ ކުއާޓަރުގައި، މާލީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް އެބޭންކުން ހާސިލްކޮށްފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިޔަން ރުފިޔާ އެ ބޭންކަށް ލިބިފައިވާ ކަމަށެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ފުރަތަަމަ ކުއާޓަރުގައި ބޭންކަށް ލިބުނު އާމްދަނީ 1.24 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވަނީ، ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު އާމްދަނީއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. އެގޮތުން ލޯނާއި ފައިނޭންސިންގެ ފައިދާއިން އާމްދަނީގެ ގޮތުގައި 796 މިލިޔަން ރުފިޔާ ލިބުނުއިރު، ފީ އާއި ކޮމިޝަނުން 332 މިލިޔަން ރުފިޔާގެ އާމްދަނީއެއް ބީއެމްއެލަށް ވަނީ ލިބިފައެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބޭންކުގެ ހިންގުމުގެ ޚަރަދުތައް ރަނގަޅަށް މެނޭޖްކުރެވުމުގެ ސަބަބުން އާމްދަނީއާ އަޅާބަލާއިރު ޚަރަދު ހުރި މިންވަރު ދައްކުވައިދޭ ކޮސްޓް-ޓު-އިންކަމް ރޭޝިއޯވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް އިތުރަށް ރަގަޅު ކުރެވިފައެވެ.
ބޭންކުގެ ބެލެންސްޝީޓަށް ބަލާއިރު، މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 60.6 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 4.8 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. އަދި މިއީ ބޭންކުގެ ތާރީޚުގައި ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރުކަންވެސް ބޭންކުގެ މާލީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ ޢަދަދު 40.7 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު، މީގެ ތެރޭގައި އެންމެ ގިނައީ ބޭރުފައިސާގެ ޑިޕޮސިޓްތަކެވެ. މީގެ އިތުރުން، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު އިތުރުވެ، ލޯނުގެ ޖުމްލަ ޢަދަދުވަނީ 27.6 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަންވެސް ވަނީ ވަރުގަދަ މިންވަރެއްގައި ހިފެހެއްޓިފައެވެ. މީގެ އިތުރުން، ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް މުދާ ގެނައުމަށާއި އެހެން ވިޔަފާރި ބޭނުންތަކަށް، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިޔަން ޑޮލަރު ބީއެމްއެލުން ވިއްކާފައިވެއެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިޔަން ޑޮލަރަށްވުރެ ބޮޑު ޢަދަދެކެވެ. އަދި މިބޭނުމަށް މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިޔަން ޑޮލަރާއި އަޅާބަލާއިރު %142 އިތުރު ޢަދަދެކެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް، ކްރެޑިޓް ކާޑާއި ޑެބިޓްކާޑު މެދުވެރިކޮށް ކުރެވުނު މުޢާމަލާތްތަކަށް 119.9 މިލިޔަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ އެވްރެޖްކޮށް މަހަކަށް 40 މިލިޔަން ޑޮލަރެވެ. މިއީ މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކުނު ޢަދަދަށްވުރެ %23 އިތުރު ޢަދަދެކެވެ.