ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ރާއްޖޭގައި އުފެދިފައިވާ މުއައްސަސާތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް މުއައްސަސާއެވެ. އަދި ޤައުމީ ސަލާމަތާއި ގުޅޭ އެންމެ މުހިންމު، އަދި އެންމެ ގިނަ ޒިންމާތަކާއި ހަވާލުވެގެން އޮތް މުއައްސަސާވެސްމެވެ. ދިވެހި ސިފައިން ރެއާ ދުވާލު ދީނާއި، ޤައުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރައްވަމުންދާ މަސައްކަތަކީ ތަޢުރީފު ޙައްގު މަސައްކަތްތަކެކެވެ.
ތާރީޚުގައި މިޤައުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރި ފަހަރުތައް މަދެއް ނޫނެވެ. ނަމަވެސް އެފަދަ އެއްވެސް ރޭވުމެއް ކާމިޔާބުނުވެ، މިއަދާހަމައަށް މިނިވަން ޤައުމެއްގެ ގޮތުގައި މި ކުޑަކުޑަ ރާއްޖެ މިއޮތީ ޤައުމަށް ދިމާވާ ކޮންމެ ނުރައްކަލެއްގައި ދިވެހިންގެ ތެރެއިން ހިތްވަރުގަދަ ފަހުލަވާނުންތަކެއް ކެރިގެން ނުކުމެ ކުރި ޖިހާދުގެ ސަބަބުންނެވެ. މި ލަޝްކަރުތަކަށް "ސިފައިން" މިނަމުން މުޚާތަބު ނުކުރި ނަމަވެސް އެއީ ޤައުމުގެ ދިފާޢުގައި ނުކުތް ދިފާޢީ ބާރެކެވެ.
އަޅުގަނޑުމެން މިއަދު ސިފައިންގެ ނަމުން މުޚާތަބުކުރާ މުއައްސަސާގެ ޒިންމާއަކީވެސް މިއެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުން ޤައުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ކާބަފައިން އެތައް ޤުރުބާނީއެއްވެގެން އަޅުގަނޑުމެންނާހަމައަށް ގެނެސްދީފައިވާ މިނިވަންކަން ކަށަވަރުކުރުމެވެ. އެކަމުގައި އަމިއްލަ ފުރާނަ ޤުރުބާންކުރަންޖެހުނު ނަމަވެސް ތައްޔާރަށް ތިބި ބަޔަކީ ފަޚުރުވެރި ސިފައިންނެވެ.
ތާރީޚުން ޤައުމުގެ ދިފާޢީ ބާރުތައް އޮތްތާ އެތައް ހާސް އަހަރުތަކެއްވެފައިވާކަން ކަށަވަރުވި ނަމަވެސް ރަސްމީގޮތެއްގައި ދިވެހި ސިފައިންގެ ޚިދުމަތް ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ދުވަހުއެވެ. ސިފައިންގެ ޚިދުމަތް ރަސްމީކޮށް ފެށިތާ 134 އަހަރުވެގެންދާއިރު މިހާރުގެ ސިފައިންގެ ބަދަހި ސަފުތަކުންވެސް ފެނިގެން ދަނީ ކުރިން ފެނުނު ގަދަ ހިތްވަރާއި އެއް ޢަޒުމެއްގައި ދިވެހި ފަސްގަނޑާއި، ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބި ތަނެވެ.
ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ކުރީ ސަފުގައި ސާބިތުކަމާއެކު ސިފައިން ތިބޭނެކަން މާޒީގައި ހިނގައިދިޔަ އެކި ހާދިސާތަކުން ސާބިތުވެއެވެ. އެގޮތުން، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ދިވެހިންގެ ތެރެއިން ބައެއްގެ މަކަރުވެރި ރޭވުންތަކާއެކު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައިވެސް ދިވެހި ސިފައިން ދެއްކެވީ ނަމޫނާއެވެ. ޤައުމުގެ ދިފާޢުގައި އަމިއްލަ ފުރާނަ ޤުރުބާންކުރަން ތައްޔާރުވެގެން ނުކުމެ ދުޝްމަނުންނާ ކުރިމަތިލީ މިއަދު އަޅުގަނޑުމެން މިދެކޭ މިނިވަންކަން މިގޮތުގައި ކޮންމެ ދިވެހި ރައްޔިތަކަށް ލިބިފައިވާކަން ކަށަވަރުކުރުމަށެވެ.
އެދުވަސްވަރުގެ ހާލަތާއި މިހާރާއި ވަރަށް ތަފާތެވެ. ނޮވެންބަރު ތިނެއްގެ ހާދިސާއަކީ ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އިންގިލާބީ މަސައްކަތްތަކެއް ކުރުމަށް ފުރުސަތު ހުޅުވިގެންދިޔަ ހާދިސާއެކެވެ. އެ ދުވަހުން ފެށިގެން ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކުރި މަސައްކަތުން މިއަދު ކަނޑާއި އެއްގަމާއި ވައިގެ މަގުން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ސިފައިންނަށް ވަނީ ލިބިފައެވެ.
ޤައުމަށް ކުރިމަތިވެދާނެ މިފަދަ ނުރައްކާތަކަށް ފާރަވެރިވުމުގެ އިތުރުން ޤައުމަށް ދިމާވާ ކާރިސާތަކުގައިވެސް އެންމެ ކުރީ ސަފުގައި ފެނިގެންދާނީ ދިވެހި ސިފައިންނެވެ. އެއީ 2004 ވަނަ އަހަރުގެ ސުނާމީ ކާރީސާއަށްވިޔަސް، 2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ކާރިސާއަށްވިޔަސް، އެނަމާ ބޯޓުގެ ކާރިސާ، ކޯވިޑް-19ގެ އާލަމީ ވަބާގައިވެސް ދިވެހިންނަށް ޚިދުމަތް ކުރުމުގައި އެންމެ ކުރީ ސަފުގައި ތިއްބެވީ ދިވެހި ސިފައިންނެވެ.
ފެންބޮޑުވުން ފެން ހިންދުމުގެ ކަންކަމާއި އަލިފާން ރޯވުމުން އަލިފާން ނިއްވުމުގެ ކަންކަމުގައިވެސް ވަކި ވަގުތެއް ބެލުމެއްނެތި ރެއާއި ދުވާލު ސިފައިން ދަނީ ދިވެހިންނަށް ޚިދުމަތްކުރަމުންނެވެ.
ދިވެހި ސިފައިން ކޮންމެ ދުވަހަކުވެސް ކުރަމުން ދަނީ ޤައުމީ މަސައްކަތްތަކެކެވެ. މި މަސައްކަތްތަކަކީ ދިވެހި ޤައުމިއްޔަތު ކުރިއަރުވާ، ދެމެހެއްޓުމަށްޓަކައި ކުރަމުންދާ ވަރަށް މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތް ކުރުމަށްޓަކައި ސިފައިންގެ ކޮންމެ މީހަކީވެސް ފުރާނަ ޤުރުބާން ކުރަން ތައްޔާރަށް ހުރި މީހެކެވެ. ބޮޑުތަކުރު ފާނުގެ ޖިހާދުން ހިތްވަރު ލިބިގެން، ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހުށިޔާރުކަމުން ފިލާވަޅު ލިބިގެން، ދިވެހި ސިފައިން ދެމިތިބޭނީ ޤައުމީ ޚިދުމަތުގައިކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.