ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ހެނދުނު 06:00ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދެވެ.
މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު ވަނީ ސިފައިންގެ 134 ވަނަ އަހަރުގެ ޝިޢާރު ހާމާކޮށްދެއްވާފައެވެ. މިއަހަރަށް ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ، "އަސްކަރީ އަޚުލާޤު – ސިފައިންގެ ކުރިއެރުން" އެވެ.
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާން ޢަލީއާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ސިފައިން ބައިވެރިވިއެވެ.
މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޚާއްޞަ ދުޢާއަކާއި ސިފައިންގެ ލަވައިންނެވެ. 2026ވަނަ އަހަރުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު، ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އެޕްރީލް 21 ވަނަ ދުވަހުއެވެ.