ހުޅަނގު އޭޝިޔާ ސަރަޙައްދުގައި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމާއެކު، ތެޔޮ ބޭރުކުރުމަށް ހުރަސްއެޅިފައިވާ ކަން ކުވަޔިތުން ހާމަކޮށްފިއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ ބާޒާރަށް ލޮޅުންއަރާފައިވާ މި ދަނޑިވަޅުގައި ޢިރާޤުން ވަނީ، އެ ޤައުމުގައި އުފައްދާ ތެޔޮ އެއްގަމު މަގުން ބޭރުކުރުމަށް ސޫރިޔާއާ ގުޅޭ ސަރަޙައްދީ ރޮނގު ހުޅުވައިލާފައެވެ.
ކުވަޔިތުން ތެޔޮ ބޭރުކުރުން މަޑުޖައްސައިލާފައިވާ ކަން އިޢުލާނުކޮށްފައި ވަނީ އެ ޤައުމުގެ މައި ތެޔޮ ކުންފުނި، ކުވަޔިތު ޕެޓްރޯލިޔަމް ކޯޕަރޭޝަނުން ކަމުގައި، ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ ބްލޫމްބަރގް ނޫހުން ރިޕޯޓުކުރިއެވެ. ތެޔޮ ވިއްކުމުގެ އެއްބަސްވުންތަކުން ލިބިފައިވާ އިޚުތިޔާރެއްގެ ބޭނުންހިފައި، ތެލުގެ ޑެލިވަރީތައް ވަގުތީ ގޮތުން މަޑުޖައްސައިލާފައިވާ ކަމުގައި އެ ކުންފުނިން ހާމަކުރިއެވެ. މިއީ، ކަސްޓަމަރުންނަށް ވެފައިވާ އިލްތިޒާމުތައް ފުރިހަމަކުރުމަށް ހުރަސްތަކެއް ކުރިމަތިވުމުގެ ސަބަބުން ނިންމާފައިވާ ނިންމުމެއް ކަމަށާއި، މީގެ ސަބަބުން ސަޕްލައި އެއްކޮށް މެދުކެނޑިގެން ނުދާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދިނެވެ.
ހުރްމުޒްގެ ދަތުރުފަތުރަށް ހުރަސްއެޅި، ތެޔޮ ބޭރުކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވުމާއެކު، ޢިރާޤުން ވެސް ވަނީ އެކްސްޕޯޓުތައް ހުއްޓުނަނުދިނުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. މި ގޮތުން، ޢިރާޤާއި ސޫރިޔާ ގުޅޭ ރާބިޔާ ސަރަޙައްދީ ހުރަސް ހުޅުވައިލައި، އެއްގަމު މަގުން ތެޔޮ ބޭރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަން ޢިރާޤުގެ ތެޔޮ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މިއާއެކު، ނީނަވާ ޕުރޮވިންސުން އެއްގަމު މަގުން ސޫރިޔާއަށް ތެޔޮ ބޭރުކުރުމުގެ ފުރުޞަތު ހުޅުވި، އެ މަސައްކަތް އަވަސްކުރެވިގެންދާނެ ކަމުގައި ޢިރާޤުގެ ސަރަޙައްދީ ރޮނގާއި ބަނދަރުތަކާ ބެހޭ ކޮމިޝަނުގެ ރައީސް ޢުމަރު އަލް-ވާޢިލީ ވިދާޅުވިއެވެ. ޢިރާޤުގެ ތެޔޮ މާކެޓުކުރާ ކުންފުނިން ބުނީ، އެޕްރީލުން ޖޫން މަހާ ދެމެދު، ކޮންމެ މަހަކު 650,000 މެޓްރިކް ޓަނުގެ ތެޔޮ ސޫރިޔާ މަގުން ބޭރުކުރުމަށް އެއްބަސްވުންތައް އެކުލަވައިލާފައިވާ ކަމުގައެވެ.