އަންނަ ޖޫން މަހު ރާއްޖޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންވިތޭޝަނަލް ކަޕުގައި ވާދަކުރާ ރާއްޖޭގެ ސީނިއަރ ޤައުމީ ފުޓުބޯޅަ ޓީމުގެ ވަގުތީ ސްކޮޑު އިއުލާނުކޮށްފިއެވެ.
ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ މި މުބާރާތް އޮންނާނީ އަންނަ ޖޫން މަހުގެ 1 އިން 10 އަށް، މާލޭގައެވެ. މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން، ސްރީލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މުބާރާތަށް އެކުލަވާލި 32 ކުޅުންތެރިންގެ ސްކޮޑުން، 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނުނު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައިވެއެވެ. އަދި ދިވެހި ފުޓުބޯޅައިގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ވެސް ސްކޮޑުގައި ހިމަނާފައިވެއެވެ.
އެހެންކަމުން މި ސްކޮޑު ވެގެންދާނީ، ތަޖުރިބާއާއި އައު ހުނަރުވެރިންގެ މައްޗަށް އެކުލެވޭ ވަރުގަދަ ސްކޮޑަކަށެވެ.
ސްކޮޑުގައި ހިމެނޭ 20 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ބަލާލާއިރު، ޒުވާން ޤައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން، ކްލަބް ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާޙީމް ޒަކީ، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު، ޒަހުރާން ހަސަން ޒިޔާދު، ޕްރެޒިޑެންޓްސް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުޒަމް ރަޝީދު ފާޙަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، މި ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި މުހައްމަދު ނައިސަމް ނަދީމްއަށް ވެސް މިފަހަރުގެ ސްކޮޑުން ފުރުސަތު ދީފައިވެއެވެ.
ޤައުމީ ސްކޮޑުން ފުރުސަތު ލިބުނު ސީނިއަރ، ތަޖުރިބާކާރު ކުޅުންތެރިންނަށް ބަލާލާއިރު އަލީ އަޝްފާޤް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ) އަދި އަމްދާން އަލީ (އޭންޑީ) އާއި އަޙްމަދު އަބްދުﷲ (ލިލީ) ފާޙަގަކޮށްލެވެއެވެ.
އެންމެފަހުން، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗަށް އެކުލަވާލި ސްކޮޑުން ފުރުސަތު ނުލިބޭ ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ ސްކޮޑުން ފުރުސަތު ލިބިފައިވާ ކުޅުންތެރިންގެ ތެރޭގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ހަަސަން ރާއިފް އަހުމަދު (ހަންނަ) އަދި ކުރިން ގައުމީ ސްކޮޑުގައި ހިމެނުނު އަހުމަދު މާއިޝް ރަޝީދު (މާއި) ފާޙަގަކޮށްލެވެއެވެ.
މީގެއިތުރުން ޕްރިލިމިނަރީ ސްކޮޑުން ފުރުސަތު ލިބުނު ނަމަވެސް، ލިބުނު އަނިޔާއަކާ ގުޅިގެން ޓީމާ ދުރަށް ދާން ޖެހުނު ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ވެސް ސްކޮޑުން ފުރުސަތުދީފައިވެއެވެ.
ޤައުމީ ސްކޮޑުގައި މިފަހަރު ވެސް އެންމެ ގިނައިން ހިމެނެނީ މާޒިޔާގެ ކުޅުންތެރިންނެވެ. އެގޮތުން ސީޒަން ނިމުނުއިރު މާޒިޔާގައި ސްކޮޑުގައި ހިމެނޭ 11 ކުޅުންތެރިއަކަށް ޤައުމީ ޓީމުގެ ވަގުތީ ސްކޮޑުން ފުރުސަތު ދީފައިވެއެވެ. މިގެއިތުރުން ނިއުރޭޑީއަންޓުގެ ފަސް ކުޅުންތެރިއަކަށް، އޮޑި ސްޕޯޓްސް ކުލަބުގެ ހަ ކުޅުންތެރިއަކަށް، އީގަލްސް އަދި ބުރުގެ ތިން ކުޅުންތެރިއަކަށް އަދި ވިކްޓީގެ ދެ ކުޅުންތެރިއަކަށާއި ޓީސީއާއި ވެލެންސިއާއިން ކޮންމެ ޓީމަކުން އެއް ކުޅުންތެރިއަކަށް ޤައުމީ ސްކޮޑުން ފުރުސަތު ލިބިފައިވެއެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން: ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ޝަރީފް (ހުސެން)، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން، ހަމްޒާ މުހައްމަދު (ހަމްޕު) {ހަމްޒާ ވަނީ މާޒިޔާ އާއެކު އެއްބަސްވުން އައުނުކުރަން ނިންމާފައެވެ، އެހެންނަމަވެސް ސީޒަން ނިންމާލީ މާޒިޔާގައެވެ.} ނާއިޒު ހަސަން (ދާދު)، އަހުމަދު އައިހަމް (ފަތޯ)، މުހައްމަަދު އިލާން އިމްރާން، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް: މުހައްމަދު އިރުފާން (އިރޭ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު ފައިސަލް، އަލީ އަޝްފާގު (ދަގަނޑޭ).
އޮޑި ސްޕޯޓްސް ކްލަބް: އަހުމަދު އައިހަމް (އައިހު)، އަހުޒަމް ރަޝިދު (އަހު)، މުޒްދާން ހަސަން، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަބްދުﷲ ލޫތު އިބްރާހިމް، މުހައްމަދު ޝަފީއު (ޗެކް).
ބުރު ސްޕޯޓްސް ކްލަބް: ތޯއިފް ގާސިމް (ތޯއްޕެ)، އަހުމަދު އަބްދުﷲ (ލިލީ)، މުހައްމަދު ނައިސަމް ނަދީމް
ކްލަބް އީގަލްސް: އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، މުހައްމަދު އަޝްވާން، ޒަހުރާން ހަސަން ޒިޔާދު (ޒަހު)
ވިކްޓަރީ ސްޕޯޓްސް ކްލަބް: އަހުމަދު ރިޒުވާން (ރިޒޭ)، އަމްދާން އަލީ (އެންޑީ)
ޓީސީ ސްޕޯޓްސް ކްލަބް: އަހުމަދު މާއިޝް ރަޝީދު (މާއި)
ކްލަބް ވެލެންސިއާ: އީތަން އިބްރާހިމް ޒަކީ
ހަންގޭރީގެ އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމުން ޑައިމަންޑް ޖުބިލީ މުބާރާތަށް ތައްޔާރުވާއިރު، މުބާރާތަށް ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.