ޚާއްސަ އެހީއަށް ބޭނުންވާ މީހަކާއެކު ޖިންސީ އަމަލު ހިންގި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމައްސަލައިގައި ދަޢުވާ އުފުލާފައިވާ ފުވައްމުލައް ސިޓީ ފުނާދު، ނަވާ އުމުރުން 58 އަހަރުގެ ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް ސާބިތުވެފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ އަމަލު ހިންގިކަމުގެ ކުށް ކަމަށެވެ. އޭނާގެ މައްޗަށް ދަޢުވާކޮށްފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ޤާނޫނުގެ ދަށުން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިhttps://t.co/AndXw9TUb6
— Maldives Police (@PoliceMv) April 21, 2026
މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ޤާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، މިމަހުގެ 19 ވަނަ ދުވަހު ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޢަބްދުﷲ ވަޙީދު މޫސާ 18 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ޢަބްދުﷲ ވަޙީދު މޫސާ، މި ދަޢުވާއާ ގުޅިގެން ބަންދުގައި ހުރި 1 އަހަރާއި، 7 މަހާއި، 9 ދުވަސް ޙުކުމުގެ މުއްދަތުން އުނިކޮށް، ޢަބްދުﷲ ވަޙީދު މޫސާ ތަންފީޒު ކުރަންޖެހޭ މުއްދަތަކީ، 16 އަހަރާއި، 4 މަހާއި، 21 ދުވަހުގެ ޖަލު އަދަބު ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައަކީ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރި ކާމިޔާބު މަސައްކަތެއް ކަމަށް ފުލުހުން ފާހަގަކުރައްވައެވެ. މިފަދަ ކުށްތަކުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ރައްކާތެރި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދެއްވާފައެވެ.