ޚަބަރު

ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި


  • ފަތުރުވެރިކަމަށް ކުރާ އަސަރު ދެނެގަތުމަށް މަޝްވަރާކުރި

  • ކަމާއި ގުޅުންހުރި 100އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވި

މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ މަގުތަކަށް ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން "މޯލްޑިވްސް ޓޫރިޒަމް އިންޓެލިޖެންސް ބްރީފިން"ގައި މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގެ ތެރެއިން މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަމުން ރާއްޖޭގެ ފަތުރުވެރި ކަމަށް ކުރާ އަސަރުތައް ދެނެގަތުމަށާއި، އެކަށީގެންވާ ޙައްލުތަކެއް ހޯދުމަށް ސަރުކާރާއި ދާއިރާގެ އިސް މަސްއޫލުވެރިންގެ މެދުގައި މަޝްވަރާ ކޮށްފައިވެއެވެ.

ވިޒިޓް މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިބައްދަލުވުމުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ބަދަލުތަކާއި، މެދުއިރުމަތީގެ މަގުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު ބުކިންތަކަށް އަންނަ ބަދަލުތަކާއި، ފްލައިޓް ރޫޓުތަކަށް އަންނަ ބަދަލުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައްވެސް ހިއްސާކުރި ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުން ފައްޓަވައި ދެއްވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ޗެއަރޕާސަން ޢަބްދުﷲ ގިޔާސް ރިޔާޒު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ވަރަށް ނާޒުކު އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ހާލަތެއް ކަމަށެވެ. އަދި މިއީ ގޮންޖެހުން ބޮޑު ވަގުތެއް ނަމަވެސް މިއީ އެންމެން ގުޅިގެން މަސައްކަތްކޮށް ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެެވެ.

" މިއީ ގޮންޖެހުން ބޮޑު ވަގުތެއް ނަމަވެސް މިއީ އެންމެން ގުޅިގެން މަސައްކަތްކޮށް ފަތުރުވެރި ކަމުގެ ދާއިރާ އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެއް. އަޅުގަނޑުމެންގެ އަމާޒަކީ ދާއިރާގެ އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އިރުޝާދާއެކު މިހާލަތުން އަރައިގަނެ ފަތުރުވެރިކަން ކުރިއަށް ގެންދިއުން". ޢަބްދުﷲ ގިޔާސް ރިޔާޒު ވިދާޅުވިއެވެ.

"މޯލްޑިވްސް ޓޫރިޒަމް އިންޓެލިޖެންސް ބްރީފިން"ގައި ދާއިރާގެ ފަންނީ ބޭފުޅުންވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތައް ހިމެނޭހެން 100އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ.

އޭގެތެރޭގައި ޕެސިފިކް އޭޝިއާ ޓްރެވެލް އެސޯސިއޭޝަންއާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންއާއި އެމްއޭސީއެލް ހިމެނެއެވެ.