ޚަބަރު

ޒުވާނާގެ މަރާއި ގުޅިގެން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި


  • ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުން

  • ސައްހަކަން ކަށަވަރުނުކުރެވޭ މަޢުލޫމާތު ފެތުރުމަކީ، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެކަމެއްކަމަށް ވިދާޅުވި

18 އަހަރުގެ އަންހެނަކު ރޭ ނިޔާވި ހާދިސާއާ ގުޅިގެން ސައްހަކަން ކަށަވަރުނުކުރެވޭ މަޢުލޫމާތު ނުފެތުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާ، ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ތަހުޤީގުކުރަމުންދާކަމަށެވެ. އަދި މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ، މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެކަމެއްކަމަށް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ، ސައްހަކަން ކަށަވަރުނުކުރެވޭ މި ފަދަ މައުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.