މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2026ގެ 8 އަހަރުން ދަށުގެ ޗެމްޕިއަންކަން ފްރެންސް ފެމިލީ ފުޓްބޯލް އެކަޑަމީ (އެފްއެފްއެފްއޭ) އަދި 10 އަހަރުން ދަށުގެ ޗެމްޕިއަންކަން އޮޑި އެކަޑަމީގެ އޮޑި ސްޓްރައިކާސްއިން ހޯދައިފިއެވެ.
ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް) އިން އިންތިޒާމުކޮށްގެން ބޭއްވި އެކަޑަމީ ޗެމްޕިއަންޝިޕްގެ 8 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެމްޕިއަންކަން އެފްއެފްއެފްއޭއިން ހޯދީ ފައިނަލްގައި މާޒިޔާއާއި ދެކޮޅަށް ކުޅެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މާޒިޔާގެ މައްޗަށް އެފްއެފްއެފްއޭއިން ކުރި ހޯދީ 2-0 ންނެވެ.
10 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެމްޕިއަންކަން އޮޑި ސްޓްރައިކާސްއިން ހޯދީ ފައިނަލްގައި އެސްޕަޔަރ އެކަޑަމީ އާއި ވާދަކޮށް 1-0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ އޮޑިން މި އުމުރުފުރާގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި 3 ވަނަ އަހަރެވެ.
މި މުބާރާތުގެ 8 އަހަރުން ދަށުގެ 3 ވަނަ ހޯދީ ހުޅުމާލެ ސްޕޯޓްސް ސުކޫލު (އެޗްއެސްއެސް) އެވެ. 8 އަހަރުން ދަށުގެ ރަނަރަޕް ޓީމަކީ މާޒިޔާ އެކަޑަމީއެވެ. 10 އަހަރުން ދަށުގެ ރަނަރަޕް ޓީމަކީ އެސްޕަޔަރ އެކަޑަމީއެވެ. މި އުމުރުފުރާގެ ތިންވަނަ ހޯދީ އެފްއެފްއެފްއޭއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ޓްރޮފީ އާއި މެޑަލްއާއެކު އިނާމަކަށް 10،000 (ދިހަ ހާސް) ރުފިޔާ ވަނީ ދީފައެވެ. އަދި ރަނަރަޕް ޓީމުތަކަށް 7000 (ހަތްހާސް) ރުފިޔާ އަދި 3 ވަނަ ހޯދި ޓީމުތަކަށް ވަނީ 5000 (ފަސްހާސް) ރުފިޔާ ވަނީ ދީފައެވެ. އަދި މުބާރާތުގައި ބައިވެރިވި ހުރިހާ ކުދިންނަށްވެސް ވަނީ މެޑަލް ދީފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިދިޔަ މި މުބާރާތުގައި ޖުމްލަ 50 ޓީމު ވާދަކުރިއެވެ. މާލެ ސަރަހައްދުގެ ހުރިހާ އެކަޑަމީއަކުން ބައިވެރިވި މި މުބާރާތަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބުނުއިރު ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް މެޗުތައް ބަލަން ދިޔަކަން އެކަޑަމީތަކުން ވަނީ ފާހަގަކޮށްފައެވެ.