ޚަބަރު

"ޕްރޮކިއުމަންޓާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން އޭސީސީން އިސްކަންދޭނަން"


  • އިސްތިރާޖީ ޕްލޭން ބަހާލެވިފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށް

  • އޭގެ ތެރޭގައި ގަވަރނަންސް އަދި އިދާރީ ތަރައްޤީ ދާއިރާ ހިމެނޭ

  • ސިޔާސީ ކޮރަޕްޝަން ހުއްޓުވުމާއި އެކަމަށް ފިޔަވަޅު އެޅުން ހިމެނޭ

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލި ސްޓްރެޓީޖިކް ޕްލޭނުގެ ތެރެއިން ދައުލަތުގެ ޕްރޮކިއުމަންޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރާނެކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އޭސީސީގެ ރައީސް މިހެން ވިދާޅުވީ އެކޮމިޝަނުގެ 5ވަނަ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލި ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. މި ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ އިސްބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ މި ޕްލޭން ތަންފީޒުކުރުމުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ހިރާސް ބޮޑު ތަންތަން ދެނެގަނެ، އެތަންތަނުގެ ނިޒާމުތައް އިސްލާހުކުރުމާއި، ޕްރޮކިއުމަންޓް ނިޒާމު މޮނިޓަރކުރުން ހަރުދަނާކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގާނެކަމަށެވެ.

އަދި މި ޕްލޭންގެ އެންމެ މުހިންމު އެއް ބަޔަކީ ސިޔާސީ ކޮރަޕްޝަން ހުއްޓުވުންކަމަށާއި، އެގޮތުން އިންސާފުވެރި އިންތިޚާބުތަކެއް ބޭއްވޭނެ އިންތިޒާމުތަކާއި، ވަޒީފާ ދިނުމުގެ ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބާރުއަޅައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.

"މި އަސާސްތައް ކުރިއަށް ގެންދިއުމަށްޓަކައި، ކޮރަޕްޝަންގެ ނުރައްކާ ބޮޑު ދާއިރާތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމާއި، ކޮމިޝަނުގެ ތެރޭގައި ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި އެތެރޭގެ ހިންގުން އިޞްލާޙުކުރުމަކީ ހާއްސަ އިސްކަމެއްދީގެން ކުރާނެކަމެއްކަމަށް. ސިޔާސީ ޕާޓީތަކަށް ފަންޑުކުރުމާއި އިންތިޚާބީ ކަންކަމުގައި އޮންނަ ނުފޫޒުތައް ކުޑަކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ނިޒާމީ ބަދަލުތައް ގެނައުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން" ޝާމިލް ވިދާޅުވިއެވެ.

މި ޕްލޭންގެ ދަށުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސައްކަތްތައް ޑިޖިޓަލްކޮށް، އޮޓޮމޭޓް ކުރުމުގެ މަޝްރޫތަކަށް އިސްކަންދޭނެކަމަށާއި މީގެ ސަބަބުން ތަޙުޤީޤުތައް އަވަސްވެ، ކޮރަޕްޝަންގެ ޢަމަލުތައް ދެނެގަތުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް "މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑު" އެއް ވަނީ އުފައްދާފައިކަމަށާއި ހަމައެހެންމެ، ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ތަޙުޤީޤުކުރުމުގެ އިޖުރާއާތުގެ ގަވާއިދަށް މުހިންމު އިޞްލާޙުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންކަމަށް ޝާމިލް ވިދާޅުވިއެވެ. މި އާ އިޞްލާޙުތަކުގެ ދަށުން، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، ތަޙުޤީޤު ނިންމާނެ ތާރީޚެއް ފެށުމުގައިވެސް ކަނޑައަޅަންޖެހޭނެކަމަށާއި މީގެ މަޤްޞަދަކީ ޒިންމާދާރުކަން އިތުރުކޮށް، ވަކި އުޞޫލެއްގެ ތެރެއިން ވަގުތަށް މަސައްކަތް ނިންމާ ސަގާފަތެއް ޤާއިމުކުރުންކަމަށް ޝާމިލް ވިދާޅުވިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި ޕްލޭނަކީ ކޮރަޕްޝަންގެ ނުރައްކާ ބޮޑު ދާއިރާތަކަށް އަމާޒުކޮށްގެން، ކޮމިޝަނުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް އެކުލަވާލާފައިވާ މުހިންމު މަގުޗާޓެއް. މި ޕްލޭންގެ މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން ރައްޔިތުންނަށް ފެންނަފަދަ ހެޔޮ ބަދަލުތަކެއް ގެނައުން. މި އިސްތިރާޖީ ޕްލޭން ބަހާލެވިފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ.

  • • ގަވަރނަންސް އަދި އިދާރީ ތަރައްޤީ
  • • އިދާރީ ހިންގުން ހަރުދަނާކޮށް އެދެވޭ ނަތީޖާ ޙާސިލްކުރުން
  • • ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމު ހަރުދަނާކުރުން
  • • ދައުލަތުގެ ޕްރޮކިއުމަންޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވަރނަންސް ހަރުދަނާކުރުން
  • • ސިޔާސީ ކޮރަޕްޝަން ހުއްޓުވުމާއި އެކަމަށް ފިޔަވަޅު އެޅުން

އިދާރީ ގޮތުން ކޮމިޝަން ވަރުގަދަކުރުމަށްޓަކައި ޤާބިލު މުވައްޒަފުން ބިނާކުރުމާއި، މަސައްކަތުގެ މާޙައުލަކީ މުވައްޒަފުންނަށް ހިތްހަމަޖެހޭ ތަނަކަށް ހެދުމަށް ވަނީ ރޭވިފައެވެ. އަދި ހެކިތަކުގެ މައްޗަށް ބިނާވެ، ނަތީޖާ ނެރެވެވޭނެ ފަދަ ގޮތަކަށް އެ ކޮމިޝަނުގެ އުސޫލުތައް ބަދަލުކޮށް، ތަހުގީގުކުރުމާއި ދައުވާކުރުމުގެ މަރުހަލާތައް ހަރުދަނާކުރުމަށްވެސް ވަނީ ނިންމާފައެވެ.