އަހަރުގެ މިހާތަނަށް ޖަރުމަނުވިލާތުން ރާއްޖެއަށް ބައި ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ. ޖަރުމަނުވިލާތަކީ، މިހާރު ރާއްޖެއަށް 5ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 745،706 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %3.5 ދަށް އަދަދެކެވެ.
އޭޕްރީލް މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 97000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް މިހާރު މަޑުމަޑުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.
* ޗައިނާ: 109،228 ފަތުރުވެރިން
* ރަޝިއާ: 93،602 ފަތުރުވެރިން
* އިނގިރޭސިވިލާތް: 69،627 ފަތުރުވެރިން
* އިޓަލީވިލާތް: 62،651 ފަތުރުވެރިން
* ޖަރުމަނުވިލާތް: 50،186 ފަތުރުވެރިން
ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 506،606 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 186،904 ފަތުރުވެރިން އަދި ހޮޓެލުތަކުގައި 20،084 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 735،355 ފަތުރުވެރިން އައިސްފައިވަނީ، ވައިގެ މަގުންނެވެ. އަދި 10،351 ފަތުރުވެރިން އައިސްފައިވަނީ، ކަނޑުމަގުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.