ޚަބަރު

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށްފި


  • ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސްގައި ރާއްޖެއިންވަނީ ބައިވެރިވެފައި

  • ޕެނަލް ޑިސްކަޝަނެއް ވަނީ ބާއްވާފައި

ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް 2026ގައި ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ.

ޕެނަލް ޑިސްކަޝަން ބާއްވާފައިވަނީ 3 ދުވަހުގެ މުއްދަތަށް ބާސެލޯނާގައި ކުރިއަށްދާ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސްގައެވެ. މި ފެއާގައި ރާއްޖޭގެ އިތުރުން ގިނަ ގައުމުތަކަކުން ބައިވެރިވެއެވެ. މި ފެއާގައި ރާއްޖޭގެ ފަރާތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުން ބައިވެރިވިއެވެ.

އޭގެތެރޭގައި މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާއި މިފްކޯއާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި ބްލޫ ސޯލްވޯޓާ ޕްރައިވެޓް ލިމިޓެޑާއި ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް 2026 ގައި ދިވެހިރާއްޖެއިން ވަނީ ރާއްޖެގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވާފައެވެ. ފެއާގެ ސައިޑް އިވެންޓެއްގެ ގޮތުން "ދިވެހިރާއްޖެ އިން ދުނިޔެއަށް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާއި މޮންޓެރީ ބޭ އެކްވަރިއަމްގެ ޕޮލިސީ އެންޑް ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ޑިރެކްޓަރު ޖޯޝް މަޑޭރާ އަދި މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓަންޓް އާތިފް ޝުކޫރު ބައިވެރިވެވަޑައިގަތެވެ.

މި ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި، ދުނިޔޭގެ މާކެޓަށް ވަދެވޭނެ ގޮތާއި، އަގު އުފެއްދުމާއި ގުޅޭގޮތުންވެސް މި ޕެނަލް ޑިސްކަޝަންގައި މަޝްވަރާކުރިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕެނަލް ޑިސްކަޝަން ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގްއެއް ސީފުޑް ވޮޗް އިން ކަނޑައެޅުމުން އެކަން ޕްރޮމޯޓްކޮށް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.

މިއީ (ސީފުޑް ވޮޗް)ގެ ތާރީޚުގައި ވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މިއީ ދިވެހިރާއްޖެއަށާއި، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ [ސީފުޑް ވޮޗް] ޕްރޮގްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓްކުރެވިފައެވެ.