ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ ޗެއަރޕާސަންގެ އިންތިޚާބު އަންނަ ޖޫން މަހުގެ 12ވަނަ ދުވަހު ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން މިހާރު ވަނީ މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން، އަންނަ މަހުގެ 2ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ކުރިމަތިލެވޭނެއެވެ.
ޗެއަރޕާސަންގެ މަޤާމަށް މީހަކު އިންތިޚާބުކުރުމަށް ވޯޓުލުން ކުރިއަށްދާނީ ޖޫން މަހުގެ 12ވަނަ ދުވަހުގެ މެންދުރު 2:00ން ރޭގަނޑު 8:00 އަށް ކަމަށް އެ ޕާޓީން ބުންޏެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ ރޭ ދަންވަރު 12:00 އާ ހަމައަށް އެ ޕާޓީގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ކަމަށް ބުންޏެވެ.
މި އިންތިޚާބުގައި ވާދަކުރެވެނީ ޕާޓީގެ މެންބަރުންގެ ތެރެއިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވާ މީހުންނަށް ކަމަށެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަރީގެ ކުށާއި ދަރަނީގެ ރިކޯޑާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ގޫގަލް ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީގޮތުން އެ މަޤާމާ ހަވާލުވެގެން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަން މިހާތަނަށް 3 ބޭފުޅަކު ވަނީ އިއުލާންކުރައްވާފައެވެ. އެއީ ކުރީގެ ރައީސް، މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އަދި އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން އަލްހާން ފަހުމީއެވެ.
އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި އެ ޕާޓީގައި މެންބަރުންގެ އަދަދު ރޭ ދަންވަރާ ހަމައަށް 50،000 އަށް ވަނީ އަރާފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުުން ދައްކާގޮތުގައި އެ ޕާޓީގައި ތިބީ 43،784 މެންބަރުންނެވެ. މިއީ ރާއްޖޭގައި މިވަގުތު ދެވަނައަށް އެންމެ ގިނަ މެންބަރުން ތިއްބި ސިޔާސީ ޕާޓީއެވެ.