ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫޢަކީ މިވަގުތު ރާއްޖޭގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ދަށުން، ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން، 50 އިންސައްތައަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 1އާއި ފޭސް 2 އެއްކޮށްލީމަ ވާވަރުގެ ސަރަހައްދެއް މިހާރު ހިއްކާ ނިމިފައިވާކަމަށެވެ.
"ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރުވަނީ ހިއްކިފަ. އެއީ 504 ހެކްޓަރު، އެއީ ނިސްބަތުން ބަލާ ކަމުގަ ވަންޏާ ހުޅުމާލެ ދެފޭސް އެއްކޮށްލީމަ އެވަރުގެ ބިމެއް ގާތްގަނޑަކަށް ހިއްކިފަ އެއޮތީ، ބާކީ އޮތްބައި ހިއްކުމުގެ މަސައްކަތް ކުރިއަށްއެބަދޭ". ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ވަޒީރު ވިދާޅުވީ، އެ މަޝްރޫޢުގެ ތެރެއިން މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތްތަކާއި، ލޭންޑްޔޫސް ޕްލޭނާއި ޓެކްނިކަލް މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަމަށެވެ.
ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މަސައްކަތްތައް އަވަސްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެމްއޭސީއެލްއިންވަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ އެއްފަހަރާ 46000 އަކަ މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ ކްރިސްޓަބަލް ކޮލޮން ބޭނުންކުރަން ފަށާފައެވެ.