ފެނަކައިން ފޯރުކޮށްދެމުންދާ ބައެއް ރަށްތަކުގެ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރުމުން ކަރަންޓް ޔުނިޓެއް އުފެއްދުމަށްޓަކައި ދައުލަތުން ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވިދާނެކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ބ.އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މިހާރު ވަނީ ސްޓެލްކޯއާއި ހަވާލުކޮށްފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސާއިދު މުސްތަފާ ވިދާޅުވީ، މިކަން ކުރާއިރު އެންމެ މުހިންމު އެއް ކަމަކަށްވާންޖެހޭނީ މިހާރު ދެމުންދާ ޚިދުމަތަށް އެއްވެސް ލޮޅުމެއް ބުރޫލެއް އެރުމެއްނެތި ރައްޔިތުންނަށް ދަތިނުވާނެހެން މިކަން ކުރުންކަމަށެވެ. ފެނަކައާއި ސްޓެލްކޯއިން އެކަންކަން ދެނެގަނެ އެ މަސައްކަތްތައް ވީއެންމެ ބާރު މިނެއްގައި ކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ކުރާއިރުގައި ފިނޭންސް މިނިސްޓްރީން ރާވާފައި ވަނީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް 2 ކުންފުންޏަށް ދޭންޖެހޭ މާލީ އެހީތެރިކަމެއް ވާނަމަ އެ އެހީތެރިކަން ފޯރުކޮށްދީގެން ވީވަރަކުން ކުންފުނީގެ އަމިއްލަ ބާރުވެރިކަމުގައި އެކަންކަން ގެންދިއުމަށްކަމަށް ސާއިދު ވިދާޅުވިއެވެ.
ރާއްޖެއަކީ ޚަރަދުގެ މައިގަނޑު ދާއިރާތަކަށް ބަލާއިރުގައި ސަބްސިޑީއަށް ވަރަށް ބޮޑު ހޭދައެއް ކުރަމުން އަންނަ ގައުމެއްކަމަށް ސާއިދު ވިދާޅުވިއެވެ. ސަބްސިޑީ ކުޑަކުރެވޭނެ ގޮތްތަކަށް ބަލާއިރު ސަރުކާރުގެ ސިޔާސަތަކަށް ވެފައިމިވަނީ ސަރުކާރަށް މިވަގުތު ހަރަދުގެ ސޭވިންއެއް ހޯދުމުގެ ނަމުގައި ރައްޔިތުންނަށް ބިލްތައް ބުރަބޮޑުވާނެހެން ބަދަލުތައް ނުގެނެސް ކުންފުނިތައް ހިންގުމުގައި ވަކިން ޚާއްސަކޮށް ކަރަންޓް ދިނުމުގައި އެފިޝިއަންސީ ބޮޑުކުރަންކަމަށް ސާއިދު ވިދާޅުވިއެވެ.
މި ބަދަލު ގެނައުމުގެ ސަބަބުން ފެންނަ އެންމެ މުހިންމު އެއް ބަދަލަކީ ސްޓެލްކޯއަށް މެދުރާއްޖެތެރޭގެ މުޅި އޮޕަރޭޝަންއަށް ފޯކަސް ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް ކ. އަތޮޅާއި، އއ، އދ، ވ އެ ކުންފުނި އޮޕަރޭޓްކުރަމުން އައުމުގެ ސަބަބުން އެ ކުންފުންޏަށް މިއީ އޭގެ ޒާތުގައި އެހާ ބުރަ ބޮޑު ނޫންގޮތަކަށް އުފުލިދާނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މީގެ ސަބަބުން ކަރަންޓް ޔުނިޓެއް އުފެއްދުމަށްޓަކައި ދައުލަތުން ކުރާ ހޭދަ ވަރަށް ބޮޑުތަނުން ކުޑަކުރެވިދާނެ ރަނގަޅަށް ކަންކަން ރާވާ އިންތިޒާމްކޮށްގެން ދާނަމަ. ސަބްސިޑީ ނިޒާމުގައި ބަޖެޓް ފާސްކުރިއިރުގައި އެއިރު އަންދާޒާކުރެވުނީ ސަބްސިޑީ 1 ބިލިޔަން ރުފިޔާއަށް އަރައިގެންދާނެއޭ. މި ސަބްސިޑީ ކުޑަކުރުމަށްޓަކައި ކުރެވޭނެ މައިގަނޑު 2 ކަމެއް މި އޮންނަނީ. އެއް ކަމަކީ ކަރަންޓް ފޯރުކޮށްދިނުމަށް ނަގާ އަގު ބޮޑުކުރުން އަދި ބޮޑު ކުރާއިރުގައި އޭގެއިން އެންމެ އަސަރު ކުޑަވާނެގޮތަކަށް ވަލްނަރަބަލް ޕޮޕިއުލޭޝަން އިސްކޮށްގެން އެ ފަރާތްތަކަށް ހިމާޔަތްކަން ދީގެން ޓާގެޓްކޮށްގެން ދިއުން. އެކަމަކު އެހެން ހެދިކަމުގައިވިއަސް ކަރަންޓް ޔުނިޓެއް އުފެއްދުމަށް ކުރާ ހޭދަ ބޮޑުވާ މިންވަރެއްގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު މާލީ ބުރައަކަށް މިކަންވުން އެކަށީގެންވޭ. ސަރުކާރުގެ ސިޔާސަތަކަށްވީ ކުންފުނިތައް ރިފޯމްކުރުން މިއީ ކޮންމެހެން މުހިންމު ކަމެކޭ." ސާއިދު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ބ، ޅ އަދި މ އަތޮޅުގެ 25 ރަށުގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމާއި ސްޓެލްކޯއިން ޙަވާލުވުމަށް ހަމަޖެހިފައިވެއެވެ. މިއާއިއެކު ގްރޭޓަރމާލެ، ބ، ޅ، ކ، އއ، އދ، ވ އަދި މ އަތޮޅު ހިމެނޭގޮތަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްތަކުގެ އަދަދު 61 ރަށަށް ފުޅާވެގެންދާނެއެވެ.