ޚަބަރު

މިދިޔަ އަހަރު ގްރީން ފަންޑުގައި 3.5 ބިލިޔަން ރުފިޔާ


  • 2.5 ބިލިޔަން ރުފިޔާ ފަންޑަށް ޖަމާވެފައިވޭ

  • ފަންޑުން 275 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ

މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 3.5 ބިލިޔަން ރުފިޔާ ހުރިކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާއްމުކޮށްފައިވާ މިދިޔަ ޑިސެންބަރުމަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުތެރޭ 2.5 ބިލިޔަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވެއެވެ. އަދި އެކި މަޝްރޫޢުތަކަށް ގްރީން ފަންޑުން މިދިޔަ އަހަރު 275 މިލިޔަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

ގްރީން ޓެކުހަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ. މީގެތެރެއިން އެންމެ ބޮޑު ބައެއް ލިބިފައިވަނީ ރިސޯޓްތަކުންނެވެ. އެއީ 200 މިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ގެސްޓްހައުސްތަކުންނެވެ. އެއީ 11.2 މިލިޔަން ރުފިޔާއެވެ.

މީގެއިތުރުން ހޮޓެލްތަކުން 2.1 މިލިޔަން ރުފިޔާ، ސަފާރީ އުޅަނދުތަކުން 4.7 މިލިޔަން ރުފިޔާ އަދި ހޯމްސްޓޭއިން 92،403 ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ސަރުކާރުން ވަނީ ބަދަލު ގެންނަވާފައެވެ. ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރުން 12 އެމެރިކާ ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އަދި 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ އެންމެ ގިނަ އަދަދަކަށް ގްރީން ފަންޑަށް ފައިސާ ޖަމާވެފައިވަނީ އެޕްރީލްމަހުއެވެ. އެގޮތުން އެމަހު 226 މިލިޔަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވެއެވެ. ދެން އެންމެ ގިނައިން ގްރީން ފަންޑަށް ފައިސާ ޖަވާވެފައިވަނީ ޑިސެންބަރުމަހުއެވެ. އެމަހު 218 މިލިޔަން ރުފިޔާ ފަންޑަށް ޖަމާވެފައިވެއެވެ.

ވަކިވަކި އަތޮޅުތަކަށް ބަލާއިރު މިދިޔަ އަހަރު ފަންޑަށް އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ 74.8 މިލިޔަން ރުފިޔާއެވެ. ރ. އަތޮޅުން 21.9 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އދ. އަތޮޅުން 20.1 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.