ޚަބަރު

"އުފަކާރަ" ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފި


  • 19 ފަރާތެއް ތަމްރީން ފުރިހަމަ ކުރި

  • މިއީ އެމްއެފްޑީއޭއީން 2017ގައި ފެށި ޕްރޮގްރާމެއް

  • މި ޕްރޮގްރާމް މާލެއާއި އަތޮޅުތަކުގައި ކުރިއަށް ގެންދޭ

ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކާ ހިންގާ "އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

އުފަކާރަ ތަމްރީނު ޕްރޮގްރާމަކީ، ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކާ ހިންގާ ޕްރޮގްރާމެކެވެ. ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހިއާއި ބެހޭ ވުޒާރާގެ ކޮންފަރެންސް ހޯލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 19 ފަރާތަކުން ވަނީ މި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މީގެ އިތުރުން މި ތަމްރީން ޕްރޮގްރާމްގައި ފެސިލިޓޭޓް ކޮށްދެއްވި 17 ފެސިލިޓޭޓަރުންނަށްވެސް އެކަމަނާ ވަނީ ސެޓްފިކެޓް ޙަވާލު ކޮށްދެއްވާފައެވެ.

ކާބޯތަކެތި އުފައްދާ ތައްޔާރު ކުރާ ފަރާތްތައް، ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް "އުފަކާރަ"އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ 2017ވަނަ އަހަރު ފަށާފައިވާ ޕްރޮގްރާމެކެވެ. މިހާތަނަށް ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން ޅ.އަތޮޅު، މ.އަތޮޅު، ހދ.ކުޅުދުއްފުށި، ނ.ވެލިދޫ، ޏ.ފުވައްމުލައް، ލ.އަތޮޅު އަދި ފ.އަތޮޅުގައި މި ޕްރޮގްރާމް ހިންގާފައިވެއެވެ.

މި ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ޤީލާ ޢަލީގެ އިތުރުން ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.