ޚަބަރު

މަސްތުވާތަކެއްޗާއެކު، ގދ. ވާދޫއިން 2 މީހަކު ހައްޔަރުކޮށްފި


  • ދެމީހުން ހައްޔަރުކޮށްފައިވަނީ މި މަހު 23 ވަނަ ދުވަހު

  • ފެނިފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި 3.28 ގުރާމު ހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ވާދުއިން ދެމީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ/ސަންދަރޯސްގެ، އުމުރުން 30 އަހަރުގެ މުޙައްމަދު އަޝްރަފާއި ގއ. މާމެންދޫ/ހިތްވަރު، އުމުރުން 18 އަހަރުގެ އާމިނަތު ޝާޔާ ޝުޖާޢެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ކަމަށް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ދެ މީހުން ވާދޫ ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.28 ގުރާމު ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އަޝްރަފް 30 ދުވަހަށް އަދި އާމިނަތު ޝާޔާ ޝުޖާޢު 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.