އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މި ސަރުކާރުން މިހާތަނަށް 375 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ. މިއީ އެކިއެކި ސިނާއަތްތަކަށް ދޫކޮށްފައިވާ ފައިސާގެ އަދަދެވެ.
އެސްއެމްއީ ޑިޖިޓަލްއަކީ، ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ޚާއްޞަ ކޮށްގެން 2019 ގައި ޤާއިމްކޮށްފައިވާ ތަނެކެވެ.
އެސްއެމްއީ ޑިޖިޓަލްއަކީ، ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ އެއް މުއައްސަސާއެވެ. އެ ކުންފުނިން ވިދާޅުވީ، މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށެއްގެ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ، 17 ނޮވެމްބަރ 2023 އިން ފެށިގެން 15 އޭޕްރީލް 2026ގެ ނިޔަލަށް 575 ވިޔަފާރިއަކަށް 375 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށެވެ.
* ދަނޑުވެރިކަން: 6 މިލިޔަން ރުފިޔާ
* ވިޔަފާރި: 116 މިލިޔަން ރުފިޔާ
* އިމާރާތްކުރުން: 5 މިލިޔަން ރުފިޔާ
* މަސްވެރިކަން: 102 މިލިޔަން ރުފިޔާ
* އިންފޮމޭޝަން ޓެކްނޮލިޖީ: 6 މިލިޔަން ރުފިޔާ
* އުފެއްދުންތެރިކަން: 34 މިލިޔަން ރުފިޔާ
* ފަތުރުވެރިކަން: 81 މިލިޔަން ރުފިޔާ
* ދަތުރުފަތުރު: 21 މިލިޔަން ރުފިޔާ
އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފަސޭހައިން ލިބޭ ކުދި ފައިނޭންސިންގ ފުރުޞަތުތަކުގެ އެހީގައި އާ ޚިޔާލުތައް ވަނީ އާމްދަނީ ލިބޭ ފަދަ ވިޔަފާރިތަކަށް ބަދަލުވެފައެވެ. އަދި މިކަމުގެ ސަބަބުން ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ގޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޮޑެތި މަންފާތަކެއް ލިބިގެން ގޮސްފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މީގެ އިތުރުން، އަންހެން ވިޔަފާރިވެރިން އިޤްތިސާދީ ގޮތުން ބާރުވެރި ކުރުމަށް، އެސްއެމްއީ ޑިޖިޓަލްއިން ވަނީ މާލީ މިނިވަންކަން ކަށަވަރު ކޮށްދޭނެ ޚާއްޞަ ފައިނޭންސިންގ ސްކީމްތަކެއް އެކުލަވާލާފައެވެ.
އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ބައްޓަން ކޮށްފައިވަނީ، ހުރިހާ ސިނާޢަތްތައް ހިމެނޭހެން ކަމުން އެކި ދާއިރާތަކަށް ބޭނުންވާ ފަދަ މާލީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށެވެ. އެހެންކަމުން މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ކަނޑުއުޅަނދު ފަހަރާއި، މުދާ އުފުލާ ބޯޓުފަހަރު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ އުސޫލުތަކެއްގެ ދަށުން ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދޭކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.