ކާރިސީ ހާލަތްތަކުގައި ބޭނުންކުރާ ސާމާނުތަކެއް ޖަޕާނު ސަރުކާރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއަށް ހަދިޔާކޮށްފިއެވެ.
އެންޑީއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިތަކެތި ޖަޕާނު ސަރުކާރުގެ ފަރާތުން އެ އޮތޯރިޓީއާ ޙަވާލުކޮށްދެއްވީ، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. އެންޑީއެމްއޭގެ ފަރާތުން މިތަކެއްޗާ ޙަވާލުވީ، އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަންއެވެ.
އެންޑީއޭމްއޭއިން މައުލޫމާތު ދެއްވާ ގޮތުގައި ޖަޕާނުން ހަދިޔާކުރި ތަކެތީގެ އަގު 4.3 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 66.3 މިލިޔަން ދިވެހި ރުފިޔާގެ އަރައެވެ. މިއީ، ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ހަދިޔާކުރި ތަކެތި ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މި ސާމާނާއެކު ފެންބޮޑުވާ ހާލަތްތަކާއި އަލިފާނުގެ ކާރިސާތަކުގައި އަތޮޅުތެރޭގެ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
ކާރިސީ ހާލަތްތަކުން އަރައިގަތުމަށް އެންޑީއެމްއޭއިން ކުރަމުންދާ މަސައްކަތްތަކުގައި ޖަޕާނު ސަރުކާރުން ދެއްވަމުންދާ އެއްބާރުލުމަށް އެންޑީއެމްއޭއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.