ޚަބަރު

"ކަރަންޓު ބިލު ތައްޔާރުކުރުމުގައި އުނި އިތުރެއް ގެނެސްފައެއް ނުވާނެ"


  • ފެނަކައިން ވިދާޅުވީ ބިލު ތައްޔާރުކޮށްފައިވަނީ އެހެން މަސްމަހުވެސް ޢަމަލުކުރާ އުޞޫލުންކަމަށް

  • ރީޑިން އިތުރަށް ޗެކްކުރަން ބޭނުންވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވި

އުޞޫލާ ޚިލާފަށް އެއްވެސް ބިލެއް ތައްޔާރުކޮށް ބިލަށް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން މިހެން ވިދާޅުވެފައިވަނީ، މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ނެރުނު ނޫސްބަޔާނެއްގައެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މާރިޗު މަހުު ރީޑިން ނެގުމުގައްޔާއި ކަރަންޓު ބިލު ތައްޔާރު ކުރުުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ އާންމު އެހެން މަސްމަހުގައިވެސް ޢަމަލު ކުރަމުންދާ އުޞޫލުން ކަމަށެވެ. އެ ކުންފުނިން ޢަމަލު ކުރަމުންދާ އުޞޫލަކީ ޤާނޫނާއި ޤަވާއިދުތަކުން ކަނޑައެޅި އާންމުކޮށްފައިވާ އުޞޫލެއްކަން ފާހަގަކޮށް ވިދާޅުވީ، އެ ކުންފުނިން ޚިދުމަތްދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް ބިލަށް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމަށެވެ.

ފެނަކައިން ވަނީ، އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކް ކުރަން ބޭނުންވެއްޖެނަމަ އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

އެ ކުންފުނިން ވަނީ، ކޮންމެ އަހަރެއްގެވެސް މާރިޗު މަހާއި އޭޕްރީލް އަދި މެއި މަސް ހިމެނޭ ދުވަސްވަރަކީ އެންމެ ގިނަ ޢަދަދަކަށް ކަރަންޓު ބޭނުން ކުރެވޭ ދުވަސްވަރު ކަމުން ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.