މައްކާ ރޫޓުގެ ޚިދުމަތަށް ޙާޖީންގެ ބަޔޯ-މެޓްރިކްސް ނަގަން ފަށައިފިއެވެ.
މިއީ، މައްކާ ރޫޓަށް އިމިގްރޭޝަންގެ ބޭނުމަށާއި އަދި ޙާޖީންގެ ކަންކަން ބަލަހައްޓާ ނުސުކް ޕްލެޓްފޯމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެވެ.
ފުރަތަމަ ނަގަނީ، މާލޭގައި ދިރިއުޅެމުންދާ މީހުންގެ ބަޔޯމެޓްރިކްސްއެވެ. އަތޮޅުތަކުން އަންނަ މީހުންގެ މަޢުލޫމާތު ނަގާނީ، ފުރާ ތާރީޚާ ކައިރިކޮށް ބާއްވާ ބައްދަލުވުންތަކުގައެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްއަކީ، ޙައްޖަށް ދާ މީހުންގެ ފްލައިޓް ދަތުރުގެ ކަންކަމާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ އިންތިޒާމް ލުއިފަސޭހަ ކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅާ ތަންފީޒުކުރަން ފެށި ސިޔާސަތެކެވެ.
2019ވަނަ އަހަރު ފެށި މި ޚިދުމަތް، ސަރުކާރުން ކުރެއްވި މަސައްކަތުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖުވެރިންނަށް ދޭން ފަށާފައިވަނީ މިދިޔަ އަހަރެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންގެ މައްކާ ރޫޓުގެ އިންތިޒާމްތަކުގެ ދަށުން، ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްތައް މިވަނީ ފަށާފައެވެ. ބަޔޯމެޓްރިކްސްގެ ގޮތުގައި ނަގަނީ، އިނގިލީގެ ނިޝާނާއި މޫނުގެ ފީޗަރސްތަކަށް ނަގާ ފޮޓޯއެވެ.
މި ޚިދުމަތް ވަރަށް ބޮޑަށް ވަނީ، ލުއިފަސޭހަވެފައެވެ. އެގޮތުން ބަޔޯމެޓްރިކްސް ނަގަނީ، ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ އެހީގައި ފޯނުން އޮންލައިންކޮށެވެ.
މި މަޢުލޫމާތު ވަގުތުން ސަޢުދީ އިމިގްރޭޝަންގެ ޕޯޓަލްއަށް އެޅެއެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ޚާޖީންގެ އެންމެހާ ޚިދުމަތްތައް ވަރަށް ބޮޑަށް ލުއިފަސޭހަކޮށްފައިވާ ކަމަށެވެ. ޚާއްސަކޮށް މައްކާ ރޫޓުގެ ޚިދުމަތާއެކު ދަތުރުފަތުރަށް ބޮޑެތި ފަސޭހަތައް ލިބިފައިވާ ކަމަށެވެ.
"މައްކާ ރޫޓަކީ ދިވެހި ޙައްޖުވެރިންގެ ޚިދުމަތްތައް ފުރިހަމަ ކުރުމަށް އިންޤިލާބީ ބަދަލެއް ގެނެވުނު ޚިދުމަތެއް. މިދިޔަ ޙައްޖާ ހަމައަށް "މައްކާ ރޫޓު"ގެ އަޑު އެކަނި އިވެނީ. ޚިދުމަތް ލިބުނީމަ މި އިނގުނީ މިއީ ކިހާ ބޮޑު ލުއިފަސޭހައެއްކަން." ޝަކީލް ވިދާޅުވިއެވެ.
މައްކާ ރޫޓުގެ ޚިދުމަތާއެކު، ޙައްޖުވެރިން ފުރާނީ ވިސާގެ އިމިގްރޭޝަންގެ ކަންކަން ރާއްޖެއިން ފުރިހަމަ ކޮށްގެންނެވެ. ސައުދީ އެއާޕޯޓުގައި، ފްލައިޓުން ފޭބުމަށްފަހު ޙައްޖުވެރިން މަޑުކުރަން ޖެހެނީ 3 ވަރަކަށް މިނެޓެވެ.
ރާއްޖެއަކީ، ސަޢުދީ ސަރުކާރުން މައްކާ ރޫޓުގެ ޚިދުމަތް ދޭ 10 ޤައުމުގެ ތެރެއިން އެއް ޤައުމެވެ.