ޚަބަރު

ހުޅުމާލެއިން 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މި މީހުން ބަލައި ފާސްކުރީ ހުޅުމާލެ ފޭސް2އިން

  • 19 ބިދޭސީއަކު ބަލައި ފާސްކޮށްފައިވޭ

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މި މީހުން ގެންގޮސްފައިވަނީ އެ ވުޒާރާއިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނެއްގައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިނގަމުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމް.އެމް.ސީ.ޕީ)ގެ ދަށުން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން ހުޅުމާލެ ފޭސް2 ގައި އުޅޭ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން 19 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މީގެތެރެއިން ޤަވާއިދާ ޚިލާފަށް އުޅުނު 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ދަނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންނެވެ. މިކަމަށް ޙައްލެއް ގެނައުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ޤަވާއިދާ ޚިލާފަށް އުޅޭ އަދި ޤަވާއިދާ ޚިލާފަށް ދިވެހީންގެ ނިވަލުގައި ތިބެ އެކި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. މިހާތަނަށް ފުރިހަމަ މަޢުލޫމާތު ނުދޭ ބިދޭސީން އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޑީޕޯޓްކުރަން ފަށާނެ ކަމަށްވެސް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.