އަންނަ މަހު ކުޅެވޭ އެލް ކްލެސިކޯގައި ރެއާލް މެޑްރިޑްގެ ފޯވަޑް ކިލިއަން އެމްބާޕޭއަށް ނުކުޅެވިދާނެކަމަށ ރިޕޯޓްތައް ބުނެފި އެވެ.
މުޅި ދުނިޔޭގެ ސަމާލުކަން އެ މެޗަކަށް ހުއްޓޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ މި މެޗުގައި އެމްބާޕޭ އަށް ނުކުޅެވިދާނެކަމަށް ބެލެވިފައިވަނި ލަލީގާގައި މިދިޔަ ހުކުރު ދުވަހު ރެއާލް ބެޓިސް އާއި ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ އަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.
އެމްބާޕޭގެ ހެމްސްޓްރިންގަށް ލިބުނު އަނިޔާގެ ސަބަބުން އެ މެޗުގެ 81 ވަނަ މިނިޓުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
ލަލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އޮތްއިރު މި މެޗުން ބާސެލޯނާ މޮޅުވެއްޖެނަމަ އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ.
ބާސެލޯނާ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރެއާލް މެޑްރިޑް އިން އަންނަ އާދީއްތަ ދުވަހު އެސްޕަނިއޯލް އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ އެވެ.
ނަމަވެސް ލީގުގައި ބާކީ ފަސް މެޗު ކުޅެން އޮތްއިރު މި ފަސް މެޗުން ބާސެލޯނާއަށް ހަތަރު ޕޮއިންޓް ކަށަވަރުކޮށްގެން ލީގު ޗެމްޕިއަންކަން އެ ޓީމަށް ލިބޭނެ އެވެ. އެހެންކަމުން މި ސީޒަނުގައި ބާސެލޯނާއަށް ޗެމްޕިއަންކަން ނުލިބުމަކީ ވަރަށް ދުރު ކަމެކެވެ.
މި ސީޒަނުގައި މީގެ ކުރިންވެސް އަނިޔާގެ ސަބަބުން މަހެއްހާ ދުވަސް ކުޅުމާއި ދުރުގައި ހުރި އެމްބާޕޭ ވަނީ ލަލީގާގައި ކުޅުނު 28 މެޗުގައި 24 ލަނޑު ޖަހާފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު 11 މެޗުގައި ވަނީ 15 ލަނޑު ޖަހާފަ އެވެ.