މާލެ ސަރަޙައްދުގައި މިހާރު ބާކީ އޮތް ބިންތަކުން އެންމެ ގިނަވެގެން އެޅޭނީ 12،000 ފްލެޓްކަމަށާއި، ރަސްމާލެއަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުން ކޮންމެހެން ހިންގަން މަޖުބޫރު މަޝްރޫޢެއްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒިރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމް ވަޒީރާއި ސުވާލުކުރެއްވީ ގުޅިފަޅު ގިރާވަރުފަޅު ހުލުމާލެ ފޭސް 3 އާބާދުކުރުމުގެ މަސައްކަތް އޮތްއިރު، ރަސްމާލެ ޕްރޮޖެކްޓް އިސްކަމެއް ދީގެން ކުރިއަށްގެންދާ ސަބަބާ ގުޅޭގޮތުންނެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ ރަސްމާލެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދިޔަނަމަވެސް، އެއާއެކުއެކީގައި ހުޅުމާލެ ފޭސް 3، ގުޅިފަޅު އަދި ގިރާވަރު ފަޅުގެ މަސައްކަތްވެސް އިސްކަންދީގެން ކުރިއަށްގެންދަމުންދާކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެތަންތާނގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ ވީހާވެސް އަވަހަށް ޤާއިމުކޮށް ރައްޔިތުންނަށް ދިރުއުޅެވޭނެ މަގު ފަހިކޮށްދިނުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ މި މަސައްކަތަކީ ވަރަށް ބޮޑު ހޭދައެއް އެކަމަށް ކުރަންޖެހޭ މަސައްކަތަކަށްވާއިރު، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެކަމަށް ފައިސާ ހޯދުމަށް ގިނަ ދަތިތަކެއް ހުރިކަމަށެވެ.
"އެކަމަށް މަޑުނުކޮށް، ސަރުކާރުން އެ މަސައްކަތްތައް އަވަސްކުރުމަށް މިހާރު މިވަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެ މަސައްކަތްތައް ކުރުމަށް ނިންމާފައި. އޭގެ ތައްޔާރީތައްވަމުން ދަނީ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރަސްމާލޭގެ އެންމެ ބޮޑު މަޤުޞަދަކީ، މުސްތަޤުބަލަށް އޮތް ޕްލޭންކަމަށެވެ. މާލެ ސަރަޙައްދުގައި މިހާރު ހުރި ބިންތަކާއި ނިމުނު ސަރުކާރުގައި ގެންދިޔަ ބިންވެރިޔާ މަޝްރޫޢުގައި، ހުރިހާ ބިންތަކުން ގޯތި ދީފައިވާކަމަށް ވިދާޅުވިއެވެ. ފްލެޓް އެޅުމަށް ޖަގަ ހޯދުމަށްވެސް އޮތީ މަދު ބިންތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ގުޅިފަޅު، ގިރާވަރުފަޅި، ހުޅުމާލެ 3، މި ތަންތަނުގައި މިހާރު ބިމެއް ނެތް އިތުރަށް ދޭކަން. ގިނަވެގެން ކުރިމަގުގައި ދެވޭނީ 12،000 ފްލެޓް. އެހެންވީމަ ރަސްމާލެއަކީ މުސްތަޤުބަލަށް ރިއާޔަތްކޮށް ހިންގަން މަޖުބޫރު މަޝްރޫއުއެއް. ރައީސްގެ ތަޞައްވުރަކީ 20 އަހަރުގެ ޕްލޭނެއް. މިއީ ހިންގަން މަޖުބޫރު މަޝްރޫޢެއް." ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ 2023 ޑިސެމްބަރުގައެވެ. ބިން ހިއްކުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު 500 އަށްވުރެ ގިނަ ހެކްޓަރު ވަނީ ހިއްކާފައެވެ. ޖުމުލަ 1009 ހެކްޓަރުގެ ބިން އެތަނުން ހިއްކައެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަޤީންކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ގުޅިފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ހިމެނޭހެން 8750 އަށްވުރެ ގިނަ ގޯތި ބިންވެރިޔާ ސްކީމުގައި މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވެއެވެ.