ކުޅިވަރު

ވޯލްޑް ކަޕް: މޮޑްރިޗް އޮޕަރޭޝަން ކޮށްފި


ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޑް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން އޮޕަރޭޝަން ކޮށްފި އެވެ.

މިއީ އިޓާލިއަން ލީގުގައި އޭނާގެ ކުލަބު އޭސީ މިލާނާއި ޔުވެންޓަސް ބައްދަލު ކުރި މެޗުގައި މޫނުމަތީގެ ކަށިގަނޑަކަށް ވަނީ އަނިޔާވުމުން އެކަން ރަނގަޅު ކުރަން ކުރި އޮޕަރޭޝަނެކެވެ.

ކްރޮއޭޝިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މޮޑްރިޗްގެ އޮޕަރޭޝަން އަވަސް ކުރީ ވޯލްޑް ކަޕާ ދެމެދު މާގިނަ ދުވަސްތަކެއް ނެތުމުން ކަމަށާއި ކުޅުންތެރިޔާގެ ހާލަތުން ގާތުން ބަލަމުން އަންނަ ކަމަށެވެ.

"އަހަރެން އޭނާއާ ވާހަކަ ދެއްކިން. އަދި އަވަސް ޝިފާ އަކަށް އެދުނުން. އަހަރެންނަށް ޔަގީން އޭނާ ވީ އެންމެ އަވަހަކަށް ރަނގަޅުވާން ވަރަށް މަސައްކަތް ކުރާނެ އަދި އޭނާގެ ބައިވެރިވުން ވޯލްޑް ކަޕުގައި ބާއްވަން މަސައްކަތް ކުރާނެ،" ކްރޮއޭޝިޔާގެ ކޯޗު ލަޓްކޯ ޑަލިކް ބުންޏެވެ. އަނިޔާގެ ސަބަބުން ދަނޑުން ބާލަން ޖެހުނު މޮޑްރިޗް ހުރީ ވޯލްޑް ކަޕް ނުކުޅެވިދާނެތީވެ ވަރަށް ކަންބޮޑުވެފައި ކަމަށް އޭސީ މިލާނުން ރޭ ބުންޏެވެ.

އުމުރުން 41 އަހަރުގެ މޮޑްރިޗަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕަށްވުން ގާތެވެ. ސަބަބަކީ އުމުރު މަތިވުމެވެ. މޮޑްރިޗް ހިމެނޭނީ މި ފަހަރުގެ ވޯލްޑްކަޕުގައި ފެނިގެންދާނެ 40 އަހަރުން މަތީގެ މަދު ކުޅުންތެރިންގެ ތެރެއިން އެކަކަށެވެ.

ވޯލްޑް ކަޕް ފަށަން މަހަކާ ގާތްވެފައިވާއިރު މުބާރާތުގައި ނުކުޅެވޭނެ ކުޅުންތެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.