ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ބޮޑުހިލަ ޖެހުމުގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި ގޮތަކަށް އެކަންކުރެވޭނެ ގޮތްތަކެއް ހޯދަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ހައްލުކުރަން ޒަމާނުންސުރެ ކުރަމުން އަންނަކަމަކީ ބޮޑު ހިލަ ޖެހުންކަަމަށެވެ. ބޮޑު ހިލަ ޖެހުމަކީ އޭގެ ޒާތުގައި ވަރަށް ޚަރަދު ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މީގެ 7 ވަރަކަށް އަހަރުކުރިން ބެލިބެލުމުގައި ޕްރޮޖެކްޓްގެ މޮބިލައިޒޭޝަންގެ ކޯސްޓާއެކު ގާތްގަނޑަކަށް ބޮޑު ހިލައިގެ ލީނިއަރ މީޓަރެއް އިންސްޓޯލް ކުރެވެނީ 6000 ނުވަތަ 7000 ޑޮލަރަށްކަމަށެވެ. އެހެންކަމުން ބޮޑު ހިލައިގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި ގޮތަކަށް އެކަން ކުރެވޭނެ ގޮތްތަކެއް ހޯދަމުންދާކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑުމެން ބަލަން އެބަ، ނޭޗަރ ބޭސް ސޮލިއުޝަންގެ އިތުރުން ކޮންސްޓްރަކްޝަން ވޭސްޓުވެސް ބޭނުންކޮށްގެން ކޯސްޓަލް ޕްރޮޓެކްޝަނަށް ސޮލިއުޝަނެއް ހޯދޭތޯ. ބައެއް މަޝްރޫޢުތައް އެބަހުރި މިނިސްޓްރީގައި ނޭޗަރ ބޭސް ސޮލިއުޝަނަށް އަމާޒުކޮށްގެން އަޅުގަނޑަށް ހީވަނީ މިހާރުވެސް ބައެއް މަޝްރޫޢުތައް ހިނގާހެން. ބައެއް ޑިޒައިންތަކުގައި ނޭޗަރ ބޭސް ސޮލިއުޝަން އެޔަށް ލައިގެން" ވަޒީރު ޢަލީ ޝަރީފް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތްކުރަން ބަލާއިރު ދުނިޔޭގެ އެހެން ތަންތަނުގައި ބޭނުންކުރާ މިފަދަ ތަކެއްޗަކީ ރާއްޖޭގެ ތިމާވެއްޓާއި އެކަށީގެންވާ ތަކެތިތޯ ބަލަމުންދާކަަމަށެވެ.
ދާދިފަހުން ވަނީ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ހެދުމަށް މައިގަނޑު ގޮތެއްގައި ބޭނުންވާ ބޮޑުހިލައިގެ ބަދަލުގައި، ކޮންސްޓްރަކްޝަން ޑެމޯލިޝަން ވޭސްޓް ނުވަތަ އެހެންވެސް މެޓީރިއަލެއް ބޭނުންކޮށްގެން އީޖާދީ އެހެން ޙައްލެއް (ޚަރަދު ކުޑަ، ރެސިލިއެންޓް، ރާއްޖޭގެ ތިމާވެށްޓާ ގުޅޭ) ހޯދުމަށް ނިންމަވާފައެވެ. މިފަދަ ޙައްލެއް ހޯދުމަށް ދިރާސާއެއް ކުރުމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ރިސަރޗް ގްރާންޓެއް ފަދަ ފައިސާގެ އެހީތެރިކަމެއް ހަމަޖައްސަވާ ދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ގޮނޑުދޮށް ޙިމާޔަތްކުރަން ބޭނުންކުރާ މިފަދަ ވަސީލަތްތައް ވިއްކާ ކުންފުނިތަކާ މަޝްވަރާކުރައްވައިގެން، މިހާރުން މިހާރަށް ބޮޑުހިލައިގެ މައްސަލަ ޙައްލުކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށްވެސް ވަނީ ނިންމަވާފައެވެ.