ޚަބަރު

ބުރުނު ޝިކާރު ޖޫނިއާ ޗެމްޕިއަންކަން ނޫހަށް


  • ނޫހު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އިޔަން ބަލިކޮށްގެން

  • ފައިނަލަށް ދަތުރުކުރީ ސެމީގައި ދާއިންގެ މައްޗަށް ކުރި ހޯދައިގެން

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން އިން އިންތިޒާމުކޮށްގެން މާލޭ ވަރުނުލާ ރާޅުގަނޑުގައި ކުރިޔަށް ގެންދާ ޤައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ޖޫނިއަރ ފިރިހެން އޯޕަން އިވެންޓުގެ ޗެމްޕިއަންކަން ނޫހު މުހައްމަދު ދުނެއިމް އިރުޝާދު ހޯދައިފިއެވެ.

މި ޑިވިޝަނުގެ މިދިޔަ އަހަރުގެ ޗެމްޕިއަން، އިޔަން އަހުމަދު ފައިނަލުގައި ބަލިކޮށް ނޫހު ޗެމްޕިއަންކަން ހޯދީ 12.16 ޕޮއިންޓުގެ ސްކޯއަކުންނެވެ. މިއަދު ކުރިޔަށް ދިޔަ ފައިނަލް ހީޓުގައި އިޔަންއަށް ލިބުނީ 6.70 ޕޮއިންޓެވެ.

ނޫހު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ހީޓު އެކެއްގައި ދާއިން އަބްދުލް ފައްތާހު އާއި ވާދަކޮށްގެންނެވެ. މި ހީޓުން ނޫހު 9.84 ޕޮއިންޓު ހޯދިއިރު ދާއިންއަށް ލިބުނީ 5.06 ޕޮއިންޓެވެ.

އިޔަން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ދެވަނަ ހީޓުގައި އަހުމަދު ޖިވާއު ޖިހާދާއި ވާދަކޮށްގެންނެވެ. އިޔަންއަށް 15.33 ޕޮއިންޓު ލިބުނިއިރު މި ހީޓުގައި ޖިވާއުއަށް ލިބުނީ 9.67 ޕޮއިންޓެވެ.

ޖޫނިއަރ ފިރިހެން ޑިވިޝަނުގެ 3 ވަނަ ބުރުގައި ވާދަކުރީ ހީޓު އެކެއްގައި ނޫހު، އިޔަން އަދި ޚާލިފް ރައްސާމެވެ. ހީޓް ދޭއްގައި ވާދަކުރީ ޖިވާއު، ދާއިން އަބްދުލް ފައްތާހެވެ.

މިދިޔަ އަހަރު ބޭއްވި ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ޖޫނިއަރ މެންސް ޑިވިޝަނުގެ އެއްވަނަ ހޯދީ އިޔަންއެވެ. މިދިޔަ އަހަރު ނޫހަށް ލިބުނީ މި ޑިވިޝަނުގެ ތިންވަނައެވެ.

މިއަހަރު ބުކުރު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގައި ހަތަރު ޑިވިޝަނެއްގައި އެތުލީޓުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް ލީގަށް ތައާފަރުކުރި ޖޫނިއާ ވިމެންސް ޑިވިޝަން ހިމެނެއެވެ. މެންސް އޯޕަން ޑިވިޝަނުގައި 21 އެތުލީޓުން ވާދަކުރިއެވެ.

ޖޫނިއާ މެންސް ޑިވިޝަންގައި 8 އެތުލީޓުން އަދި ޑްރޮޕްނީ ޑިވިޝަންގައި 9 އެތުލީޓުން ވާދަކުރިއެވެ. އަދި ޖޫނިއާ ވިމެންސް ޑިވިޝަނުގައި 10 އެތުލީޓުން ބައިވެރިވެފައިވެއެވެ.