މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 2 މިލިޔަނަށްވުރެ ގިނަ ފަސިންޖަރުން ޚިދުމަތް ހޯދާފައިވާ ކަމަށް، އެއެއާޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ އެއާޕޯޓުން ގިނަ ބަޔަކު ފުރުމަށާއި، އައުމަށް ޚިދުމަތް ހޯދާފައިވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ 2.35 މިލިޔަން މީހުން ޚިދުމަތް ހޯދި ކަމަށް ވެލާނާ އެއާޕޯޓުން ވިދާޅުވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %4 ކުރިއެރުމެކެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ދަތުރުތަކުގައި ޚިދުމަތް ހޯދި ފަރާތްތަކާއި ޑޮމެސްޓިކް ދަތުރުތަކުގައި ޚިދުމަތް ހޯދި ފަރާތްތަކުގެ އިތުރުން ސީޕްލޭންގެ ޚިދުމަތް ހޯދި ފަރާތްތައް ހިމެނެއެވެ.
އެއާޕޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ހޯދާފައިވަނީ އިންޓަރނޭޝަނަލް ނުވަތަ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ޚިދުމަތަށެވެ. ފުރާމީހުންނާއި ރާއްޖެ އަންނަ މީހުން ހިމެނޭ ގޮތަށް، 1.53 މިލިޔަން މީހުން ނުވަތަ ފަސިންޖަރުން މިޚިދުމަތް ހޯދާފައިވެއެވެ. އެއާޕޯޓު މެދުވެރިކޮށް ޑޮމެސްޓިކް ދަތުރުތައް ކުރުމަށް ޚިދުމަތް ހޯދާފައިވަނީ 317،286 މީހުންނެވެ. ސީޕްލޭން ދަތުރުގެ ޚިދުމަތް ހޯދީ، 498،411 މީހުން ކަމަށް ވެލާނާ އެއާޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިތަފާސް ހިސާބުތަކަށް ބަލާއިރު، ފުރަތަމަ ކުއާޓާގައި އެންމެ ގިނަ ބަޔަކު އެއްދުވަހެއްގައި ޚިދުމަތް ހޯދާފައިވަނީ 11 ޖަނަވަރީގައެވެ. އެދުވަހު ވީލް ބޭސް އޮޕަރޭޝަންތަކުގެ ޚިދުމަތް 28،360 މީހުން ބޭނުންކޮށްފައިވެއެވެ. އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ މީހުން ސީޕްލޭންގެ ޚިދުމަތް ބޭނުންކުރީ، 15 ފެބްރުވަރީގައެވެ. އެދުވަހު 9،351 މީހުން އެ ޚިދުމަތް ބޭނުންކޮށްފައިވެއެވެ.
މުޅި ކުއާޓާގައި ޖުމްލަ 72،128 އެއާޓްރެފިކް މޫވްމަންޓް އެއާޕޯޓުން ރެކޯޑްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %5 ކުރިއެރުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެއާޓްރެފިކް މޫވްމެންޓްތަކުގެ ތަފްސީލަށް ބަލާއިރު ބައިނަލްއަޤްވާމީ ދަތުރުތަކަށް 9978 މޫވްމެންޓް ވަނީ ރެކޯޑްކޮށްފައެވެ. ސީޕްލޭން ދަތުރުތަކަށް 54،594 މޫވްމެންޓް ރެކޯޑް ކޮށްފައިވާއިރު އަދި ޑޮމެސްޓިކް ދަތުރުތަކަށް ރެކޯޑްކޮށްފައިވަނީ 7،556 މޫވްމަންޓެވެ.
މިކުއާޓަރުގައި ހާސިލް ކުރެވުނު ކާމިޔާބީއެއް ގޮތުގައި ފާހަގަކޮށްފައިވަނީ ޗައިނާގެ ގްރޭޓަރ ބޭއި އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމެވެ.
ރާއްޖޭގެ މައި ދޮރާށި ކަމުގައި ބަލާ މިއެއާޕޯޓް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ދަށުން ހިންގަމުންދާއިރު އެއާޕޯޓުގެ އައު ޓާމިނަލާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ލުއިތަކެއް ވަނީ ލިބިގެން ގޮސްފައެވެ. އަދި ޓާމިނަލް 1 ގޮތުގައި އައު ޓަމިނަލް ބޭނުންކުރަން ފެށުމާއެކު ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް މިހާރު ވަނީ ޓާމިނަލް 2 ގެ ގޮތުގައި ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ޚާއްސަކޮށް ބޭނުން ކުރަން ފަށާފައެވެ.