ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެއެވެ. ރަޝިއާއަކީ މިއަހަރުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 2ވަނަ ގައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 786،529 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %4.8 ދަށްވުމެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމާއި އަދި ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ. ނަމަވެސް ހުއްޓާލި އެއަރލައިންތަކުން އަލުން ދަތުރުތައް ފައްޓަމުން ދިއުމުގެ ސަބަބުން ފަތުރުވެރިންގެ އަދަދުތައް ދަނީ މަޑުމަޑުން އިތުރުވަމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6600 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.
އަހަރުގެ މިހާތަނަށް ރަޝިއާއިން 100،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރަޝިއާއިން ރާއްޖެއަށް އައިސްފައިވާ 79،509 ފަތުރުވެރިންނާއަޅާ ބަލާއިރު %26.3 އިތުރު އަދަދެކެވެ. ދެން ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ.
* ޗައިނާ: 116،441 ފަތުރުވެރިން
* ރަޝިއާ: 100،450 ފަތުރުވެރިން
* އިނގިރޭސިވިލާތް: 71،454 ފަތުރުވެރިން
* އިޓަލީވިލާތް: 65،038 ފަތުރުވެރިން
* ޖަރުމަނުވިލާތް: 52،555 ފަތުރުވެރިން
* އިންޑިއާ: 36،129 ފަތުރުވެރިން
* ފްރާންސް: 25،904 ފަތުރުވެރިން
* އެމެރިކާ: 20،108 ފަތުރުވެރިން
* ސްވިޒަލޭންޑް: 18،833 ފަތުރުވެރިން
* އޮސްޓްރޭލިއާ: 15،666 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 776،178 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ވައިގެ މަގުންނެވެ. މީގެތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެއަރޕޯޓްތައް ހިމެނެއެވެ.
އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. އެއީ 766،175 ފަތުރުވެރިންނެވެ. 2ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ ގަން އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. އެއީ 3245 ފަތުރުވެރިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.