ޚަބަރު

"ހުކުމުން އެނގެނީ ޤާނޫނުއަސާސީ އިސްލާހުކުރީ ހެޔޮ ނިޔަތުގައިކަން"


  • މި އިސްލާހަކީ ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާކޮށްދޭނެ އިސްލާހެއް

  • މިއީ ޤާނޫނުހަދާ މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ގެނައި އިސްލާހެއް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް 6ވަނަ އިސްލާހު ގެނައުމަށް ފާސްކުރި ޤާނޫނަކީ އެ މަޖިލީހުން ހެޔޮ ނިޔަތުގައި ފާސްކުރި ޤާނޫނެއްކަން ސުޕްރީމް ކޯޓުގެ ހުކުމުން އެނގިގެންދާކަމަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ތަމްސީލުކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން ބުދަ ދުވަހު ކުރެއްވި ހުކުމުގައި ވަނީ ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ އެ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ޤާނޫނުއަސާސީގެ އޮނިގަނޑާ ޚިލާފުނޫން ކަމަށް ނިންމަވާފައެވެ. އަދި އެ ޤާނޫނު މިހާރު ހިނގަމުންދާ މަޖިލީހުގެ މައްޗަށްވެސް ހިނގާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ހުކުމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަށް އެ ޕާޓީން މަރުހަބާ ކިޔާ ކަމަށެވެ. އަދި އެ ކޯޓުގެ ހުކުމުގައި ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުސޫލަކީ ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކުގައި ތަންފީޒުކުރެވޭ އުސޫލެއް ކަމާއި ރާއްޖެފަދަ ރިޔާސީ ނިޒާމުގެ މައްޗަށް ބިނާވެފައިވާ ޤާނޫނުއަސާސީތަކަށް އަމަލުކުރަމުންދާ ޤައުމުތަކުގައިވެސް އަމަލުކުރަމުންދާ އުސޫލުތަކެއްކަން ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހަކީ މަޖިލީހުގެ އިސްތިޤުރާރު ނަގަހައްޓައި، ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކޮށްދޭނެ ކަމެއް ކަމަށާއި އެ އިސްލާހަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް ޙައްގަކަށް އުނިކަމެއް އަންނާނެފަދަ އިސްލާހެއް ނޫންކަން ހުކުމުގައި ބަޔާންކޮށްފައިވާއިރު މިއީ ހެޔޮ ނިޔަތުގައި އެ ޕާޓީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި އިސްލާހެއްކަން ހާމަވެގެންދާ ކަމަށް ޕީއެންސީން ވިދާޅުވިއެވެ. އަދި މި އިސްލާހަކީ ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްކޮށް، ޤާނޫނުހަދާ މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ގެނައި އިސްލާހެއްކަން ހާމަވެގެންދާ ކަމަށްވެސް އެ ޕާޓީން ވިދާޅުވިއެވެ.

ޕީއެންސީން ވިދާޅުވީ މި އިސްލާހުގެ ބޭނުމަކީ ގިނަ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަމުން އައި ނޭދެވޭ ކަންކަމުން އަރައިގަތުމަށް މަގުކޮށައިދިނުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި މިފަދަ އުނިކަންކަން އިސްލާހުކުރައްވައި ހަމަޖެހުމާއި ތަރައްގީއަށް މަގުފަހިވާނެ ގޮތަށް ރާއްޖޭގެ ކަންކަން ތަރުތީބުކުރެއްވުމާއެކު ރައްޔތުންގެ އަސާސީ ޙައްގުތަކާއި މިނިވަންކަން ކަށަވަރުކުރެއްވުން ކަމަށް ޕީއެންސީން ވިދާޅުވިއެވެ. އެހެންވެ، އެ ޕާޓީންވެސް މަސައްކަތް ކުރާނީ ޑިމޮކްރަސީގެ އުސޫލުތަކާއެއްގޮތަށް ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަކަށް ކަމަށް ވިދާޅުވިއެވެ.