ޚަބަރު

މިފްކޯގެ ސީއީއޯގެ މަޤާމަށް އަނަސް


  • މީގެކުރިން ވަނީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ މަގާމު އަދާކުރައްވާފައި

  • މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވަނީ ހާސިލުކުރައްވާފައި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް، ގއ. ދެއްވަދޫ / ދޭލިޔާގެ، މުޙައްމަދު އަނަސް އައްޔަނުކޮށްފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ މެނޭޖިން ޑިރެކްޓަރ މާގަމަށް އަނަސް އައްޔަންކޮށްފައިވަނީ އެމަގާމުގައި ކުރިން ހުންނެވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އިސްތުފާދެއްވުމާއި ގުޅިގެންނެއެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވި މުޙައްމަދު އަނަސް އަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި، އަދި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ތަޖުރިބާކާރު، މާލީ އަދި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގެ ފަންނީ ބޭފުޅެކެވެ. މީގެ ކުރިން އަނަސް ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. އެ މަގާމުގައި ހުންނެވިއިރު، ދިވެހިރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ބަލައި މޮނިޓަރކުރުމުގެ އިސް ޒިންމާތައް އަނަސް ވަނީ އުފުއްލަވާފައެވެ.

މުޙައްމަދު އަނަސް ވަނީ ދިވެހި ސަރުކާރުގެ އިސް އެކި މަގާމުތަކެއް ފުރުއްވާފައެވެ. މިގޮތުން، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނަވައި، އެ ވުޒާރާގެ ޑެބްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް އިސްކޮށް ހިންގަވައި، ގައުމީ ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި ރިސްކް މެނޭޖްމަންޓް އޮނިގަނޑުތައް އެކުލަވައިލުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން، ދައުލަތުގެ ދަރަނި މެނޭޖުކުރުމުގެ ސްޓްރެޓެޖީތައް ފަރުމާކުރުމާއި، ދަރަންޏާ ގުޅޭ ބުލެޓިންތައް ތައްޔާރުކުރުމާއި، އަދި ރާއްޖެއިން ސޮވެރިން ބޮންޑު ދޫކުރުމުގެ މަސައްކަތްތަކުގައި ވެސް އަނަސް އިސްކޮށް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޯޕަރޭޓް އަދި ތައުލީމީ ދާއިރާއަށް ބަލާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ އޮޑިޓް މެނޭޖަރުގެ މަގާމުގައި ހުންނަވައި، ރިސްކް މެނޭޖްމަންޓާ ގުޅޭ ކަންކަން ބަލަހައްޓަވާފައިވެއެވެ. އަދި މޯލްޑިވްސް ބިޒްނަސް ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ. އޭނާގެ ކެރިއަރުގެ ކުރީކޮޅު، ފިނޭންސް މިނިސްޓްރީގެ ޑެބްޓް މެނޭޖްމަންޓް ޑިވިޜަންގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނަވައި، ސަރުކާރުގެ މަޝްރޫއުތަކުގެ މާލީ ދިރާސާތައް ކުރުމާއި ސިޔާސަތުތައް އެކުލަވައިލުމުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.

ތައުލީމީ ގޮތުން ބަލާއިރު، މުޙައްމަދު އަނަސް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހާޓްފޯޑްޝަޔަރއިން އެކައުންޓިންގ ދާއިރާއިން ފަސްޓް ކްލާސް އޮނަރސްއާއެކު ބެޗްލަރ އޮފް އާޓްސް ހާސިލުކުރައްވާފައިވެއެވެ. މީގެ އިތުރުން، ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން އިންތިޒާމުކުރި، ދައުލަތުގެ ދަރަނި މެނޭޖުކުރުމާއި އިގްތިސާދީ ދިރާސާކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމްތަކާއި ފޯރަމްތަކުގައި އަނަސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.